ޗައިނާގެ ބިޔަ ބޮޑު އަސްކަރިއްޔާ އިން ޓައިވާންގެ ކައިރީގައި ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ފަށައިފިއެވެ.

މި ތަމްރީންތައް ކުރިއަށްދާނީ 2 ދުވަހުގެ މުއްދަތަކަށް ކަމަށް ޗައިނާގެ އަސްކަރިއްޔާ އާއި ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ވަނީ މައުލޫމާތުދީފައެވެ. އަދި މިއީ ކަނޑާއި ވައިގެ ތެރޭގައި ކުރިއަށްދާނެ އަސްކަރީ ތަމްރީންތަކެއް ކަމަށް ވެސް އެ ގައުމުގެ އަސްކަރިއްޔާ އިން ވަނީ ރިޕޯޓްކޮށްފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ ޝިންހުއާ ނިއުސް އެޖެންސީ އިން ބުނެފައިވާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާގެ އީސްޓާން ތިއޭޓަރ ކޮމާންޑް އޮފް ޕީޕަލްސް ލިބާރޭޝަން އާރްމީ އިން މި އަސްކަރީ ތަމްރީންތައް ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށެވެ. އަދި މި ތަމްރީންތައް މެދުނުކެނޑި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ކަމަށް ވެސް އެ ނިއުސް އެޖެންސީ އިން ވަނީ ބުނެފައެވެ.

ޗައިނާގެ އަސްކަރިއްޔާ އިން މި ތަމްރީނުތަކުގައި ހަރަކާތްތެރިވާނީ ޓައިވާން ސުޓްރައިޓްގެ ދެކުނާއި އުތުރުގެ އިތުރުން ކިންމެން އަދި ކަޓްސް އާއި ޑޮންގްޔުބް ޖަޒީރާތައް ކައިރީގައެވެ.

ޗައިނާގެ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް ލި ޝީ ބުނެފައިވަނީ ޗައިނާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިނަގެ އިތުރުން އެ ގައުމުގެ އަސްކަރިއްޔާގެ ވަރުގަދަ ރޮކެޓް ފޯސް ވެސް ގުޅިގެން ކުރިއަށް މި ގެންދާ އަސްކަރީ ތަމްރީނުތަކަކީ ޗައިނާ އިން ވަކިވެ ގަންނަށް މަސައްކަތް ކުރަމުންދާ ޓައިވާންގެ އައު ސަރުކާރަށް ދޭ ވަރަށް ބޮޑު އިންޒާރެއް ކަމަށެވެ. އަދި ޗައިނާގެ އަސްކަރިއްޔާ އިން ޓައިވާން މިނިވަން ދައުލަތަކަށް ވުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ.

ޓައިވާނުގެ އައު ރައީސް ވިލިއަމް ލައި ޗިންގްޓޭ އަކީ ޗައިނާ އާއި ވަރަށް ނުޤަބޫލު ސިޔާސީ ބޭފުޅެކެވެ. އަދި އޭނާ ވަނީ ޓައިވާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރާނެކަން އިއުލާން ކޮށްފައެވެ. ޗައިނާ އިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބައެކެވެ.

ޗައިނާ އިން މި ވަރުގަދަ އަސްކަރީ ތަމްރީންތައް މި ފެށީ ޓައިވާންގެ އައު ރައީސް ރައީސް ކަމުގެ ހުވާ ކުރެއްވިތާ 3 ވަނަ އަށްވި ދުވަހުއެވެ.