ރަޝިއާގެ މަޝްހޫރު ފިޒިސިސްޓް އަދި މިސައިލް ސައިންޓިސްޓް އެނަޓޮލީ މަސްލޯވް 14 އަހަރަށް ޖަލަށް ލުމަށް ރަޝިއާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ސެއިންޓް ޕީޓާސްބާގް ގެ ކޯޓަކަށް އޭނާގެ މައްޗަށް 14 އަހަރުގެ ދިގު ޖަލު ހުކުމެއް ކުރީ އޭނާގެ މައްޗަށް ރަޝިއާގެ ސަރުކާރުން އުފުލާފައިވާ ގައުމަށް ޤައްދާރުވުމުގެ ދައުވާ ސާބިތުވުމުންނެވެ. އޭނާގެ 14 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރާނީ ރަޝިއާގެ ޕީނަލް ކޮލަނީއެއްގައި ކަމަށާއި އޭނާގެ ޖަލުގެ ހުކުމް ނިމެންދެން އޭނާ އަށް ޕޭރޯލް ވެސް ނުލިބޭނެކަމަށް ރަޝިއާގެ މީޑިއާތަކުން ބުނެއެވެ.

އުމުރުން 77 އަހަރުގެ މަސްލޯވް އަކީ ރަޝިއާ އިން އެމެރިކާގެ މައްޗަށް ކުރި ހޯދި ޓެކްނޮލޮޖީ އެއް ކަމަށްވާ ހައިޕަސޮނިކް މިސައިލް ޓެކްނޮލިޖީ ތަރައްޤީ ކުރުމުގައި ރަޝިއާގެ އަސްކަރިއްޔާ އާއި ވަރަށް ކައިރިން މަސައްކަތް ކުރި ސައިންޓިސްޓެކެވެ. އޭނާގެ އިތުރުން ރަޝިއާގެ އަސްކަރިއްޔާ އިން ވަރަށް ސިއްރިއްޔާތުގައި ކުރިއަށް ގެންދިޔަ މި ޕުރޮޖެކްޓްގައި ރަޝިއާގެ ވަރަށް ގިނަ ސައިންޓިސްޓުން ވަނީ ހަރަކާތްތެރިވެފައެވެ. ރަޝިއާގެ ހައިޕަސޮނިކް ޓެކްނޮލޮޖީ އަކީ އެ ގައުމުގެ ސަރުކާރުން ވަރަށް ކާމިޔާބު ކަމާއި އެކީ ކުރިއަށް ގެންދިޔަ ޕުރޮޖެކްޓެކެވެ.

ސައިންޓިސްޓް މަސްލޯވްގެ މައްޗަށް ރަޝިއާގެ ސަރުކާރުން ތުހުމަތުކޮށްފައިވަނީ ރަޝިއާގެ ހައިޕަސޮނިކް މިސައިލްތަކުގެ މައުލޫމާތު އޭނާ ޖަރުމަނުވިލާތަށް ހިއްސާކުރި ކަމަށެވެ. ނަމަވެސް މަސްލޯވް ވަނީ އޭނާގެ މައްޗަށް ރަޝިއާގެ ސަރުކާރުން ކުރި ތުހުމަތުތަކަށް ދެކޮޅުހަދާ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ރަޝިއާ އިން އީޖާދުކުރި ސުޕަސޮނިކް މިސައިލްތަކަކީ ދުނިޔޭގެ ހުރިހާ އަސްކަރިއްޔާ އަކުން ވެސް ބިރުގަންނާނެ މޮޅު މިސައިލްތަކެކެވެ. އެ ގޮތުން މި މިސައިލްތަކަކީ ގޮވާތަކެއްޗާއި އެކީ އަޑަށްވުރެ 10 ގުނަ ބާރަށް ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ މިސައިލެކެވެ. އަދި މި މިސައިލް ހުއްޓުވޭނެ އެއްވެސް ވައިގެ ދިފާއީ ނިޒާމެއް ދުނިޔޭގައި ނުހުންނާނެ ކަމަށް ރަޝިއާގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.