ރަޝިއާ އިން ޔޫކުރޭނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެ ގައުމުން އެންމެ ފަހުން އެފެއްދި މޮޅު މިސައިލްތައް އެ ގައުމުގެ ވައިގެ އަސްކަރިއްޔާގެ ޖެޓްތަކުން ބޭނުން ކުރަށް ފަށަން ތައްޔާރުވެއްޖެއެވެ.

ރަޝިއާ އިން އެ ގައުމުގެ އެންމެ މޮޅު އެއަރ ޓު އެއަރ މިސައިލް އާރް 37 އެމް ގެ ބޭނުން ކުރަށް ތައްޔާރު މިވަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކުރޭނަށް އެފް 16 މަރުކާގެ ފައިޓަރ ޖެޓްތައް ދިނުމާއި ގުޅިގެންނެވެ. ޔޫކުރޭނުން އަންނަނީ މިހާރު އެފް 16 މަރުކާގެ ފައިޓަރ ޖެޓްތައް ބޭނުން ކުރަން ތައްޔާރުވަމުންނެވެ. އެ ގައުމުގެ އަސްކަރިއްޔާ އިން ވަނީ އެފް 16 ޖެޓްތައް ދުއްވުމަށް ފައިލެޓުން ތަމްރީން ކުރުވާފައެވެ.

ރަޝިއާ އިން އެ ގައުމުގެ ވައިގެ އަސްކަރިއްޔާގެ ޖެޓްތަކުގައި ބޭނުން ކުރަން ފެށި އާރް 37 އެމް މަރުކާގެ މިސައިލަކީ 300 ކިލޯމީޓަރުގެ ރޭޑިއަސް އެއް ލިބިގެންވާ މިސައިލެކެވެ. މިއީ އަޑަށްވުރެ ބާރަށް ދުވާ 300 ކިލޯމީޓަރުގެ ދުރުމިނުގައިވާ ފައިޓަރ ޖެޓްތަކަށް ވެސް ހަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާ ރަޝިއާގެ އަސްކަރިއްޔާގެ މޮޅު އުފެއްދުމެކެވެ.

ރަޝިއާ އިން އެންމެ ފުރަތަމަ މި މިސައިލްތައް ބޭނުން ކޮށްފައިވަނީ އެގައުމުގެ އެންމެ މޮޅެތި އަދި ޒަމާނީ ފައިޓަރ ޖެޓްތައް ކަމަށްވާ އެސް ޔޫ 57 އާއި އެސް ޔޫ 35 ގައެވެ. ނަމަވެސް މިހާރު ރަޝިއާ އިން ދަނީ އެ ގައުމުގެ އާދައިގެ ފައިޓަރ ޖެޓް ތަކުގައި ވެސް މި މިސައިލްތައް ހަރުކޮށް ޔޫކުރޭނުން އެފް 16 މަރުކާގެ ބޯޓުތައް ބޭނުން ކުރަން ފެށުމުގެ ކުރިން ދުރާލައި ތައްޔާރުވަމުންނެވެ.