ތެލާއި ކަރަންޓު ނުލިބި ފަލަސްތީނުގެ ޣައްޒާގެ ދީރް އަލް ބަލާހްގައި ހުންނަ އަލް އަޤްޞާ ހޮސްޕިޓަލައި ފަރުވާދެމުންދާ ބަލި މީހުން މަރުވެދާނެ ކަމުގެ ކަމުގެ އިންޒާރު އެ ހޮސްޕިޓަލުން ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ތެޔޮ ނުލިބުމުގެ ސަބަބުން އަޤްޞާ ހޮސްޕިޓަލުގެ ކަރަންޓު ޖަނަރޭޓަރުތައް ދަނީ ހުއްޓުމަކަށް އަންނަމުންނެވެ.

އެ ހޮސްޕިޓަލުގެ ތަރުޖަމާނު ޚަލީލް އަލް ޑެކްރާން އަލްޖަޒީރާއަށް ވިދާޅުވިގޮތުގައި ތެޔޮ ނުލިބުމުގެ ސަބަބުން ދީރް އަލް ބާލާހުގައި ހުންނަ ތޮއްޖެހިފައިވާ ފެސިލިޓީއަށް އެތަނުގެ ގިނަ ސާމާނު ބޭނުން ނުކުރެވި، ބަލި މީހުންނަށް މެނުއަލްކޮށް ފަރުވާ ދޭން ވަނީ މަޖުބޫރުވެފައެވެ.

"މިކަމުގެ ސަބަބުން މިހާ ގިނަ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުން މަރުވެދާނެ،". އޭނާ ވިދާޅުވިއެވެ.

އަލް ޑެކްރަން ވިދާޅުވީ ބައެއް ބަލި މީހުންނަށް ބިންމަތީގައި ބާއްވައިގެން ފަރުވާ ދެމުން އަންނަ ކަމަށެވެ.

ކަރަންޓް ޖަނަރޭޓަރުތައް ހުއްޓުމަކަށް އައިސް މިހާރު އަނދިރިކަމުގެ ތެރޭގައި އޮތް މެޑިކަލް ފެސިލިޓީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށާއި ބަލިމީހުންނަށް ފަރުވާ ދިނުމަށް ދުވާލެއްގެ މައްޗަށް 4،000 ލީޓަރަށްވުރެ ގިނަ ތެޔޮ ބޭނުންވާ ކަމަށް މީގެ ކުރިން އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

"އަޅުގަނޑުމެން ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ގޮވާލަނީ މިތަނަށް ކާރިސާއެއް އައުމުގެ ކުރިން 50،000 ލީޓަރުގެ ތެޔޮ ފޮނުވަން. އެހެން ނޫންނަމަ އަގު ދައްކަނީ ޒަހަމްވި މީހުން. އެއީ ހުރިހާ އެންމެންވެސް މަރުވެދާނެ ކަމުގެ ބިރު އޮތުމުން، ހާއްސަކޮށް އައިސީޔޫގައި ތިބި މީހުންނާއި އިންކިއުބޭޓަރުތަކާއި ޑައިލިސިސް ފަރުވާއަށް ބަރޯސާވާ މީހުން،". އެ ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރ އިޔާދު އަލް ޖަބްރީ ވިދާޅުވިއެވެ.