މުޅި ޔޫރަޕު ސުންނާފަތިވި ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު 80 އަހަރު ފަހުން ހުޅަނގުގެ ގައުމުތަކުން އަނެއްކާ ވެސް ބޮޑު ހަނގުރާމަ އަކަށް ތައްޔާރުވަމުންދާ ކަމަށް ދުނިޔޭގެ ޑިފެންސް އިންޑަސްޓްރީގެ ހަތިޔާރު އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކިނެޓިކްގެ ވެރިޔާ ބުނެފިއެވެ.

ދުނިޔޭގައި ދޭދޭ ގައުމުތަކުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އަދި މި ފަހުން ދުނިޔޭގައި ފެށިގެން އުޅޭ ހަނގުރާމަތަކާއި ގުޅިގެން ޔޫރަޕުގެ ގައުމުތަކުން ވެސް މިހާރު ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެ ގޮތުން އައު ހަތިޔާރުތަކަށް އިންވެސްޓްކުރުމާއި ޔޫރަޕުގެ ގައުމުތަކުގެ އަސްކަރިއްޔާތަކުގެ އަހަރީ ބަޖެޓް ވެސް ވަރަށް ބޮޑުތަނުން އިތުރުކޮށްފައިވާ ކަމަށް ކިނެޓިކްގެ ޗީފް އެކްޒެކިއުޓިވް އޮފިސަރު ސުޓީވް ވަޑޭ ވަނީ ބުނެފައެވެ.

" ރަޝިއާ އިން ޔޫކުރޭނަށް އިންޒާރުތައް ދިނަސް އަސްކަރީގޮތުން އެ ގައުމު ހިފުމަށް ރަޝިއާ އިން ވަރުގަދަ ހަނގުރާމައެއް ކޮށްފާނެ ކަމަކަށް ހުޅަނގުގެ ގައުމުތަކުން އޭރު ޤަބޫލެއް ނުކުރޭ. ނަމަވެސް ރަޝިއާ އިން ޔޫކުރޭނަށް އަސްކަރީ ގޮތުން ހަމަލާދިން. ދެން މިހާރު ދުނިޔެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ޗައިނާގެ މައްސަލަ. ޗައިނާ އިން ވެސް މިހާރު އެދަނީ ޓައިވާނަށް ޔޫކުރޭނަށް ރަޝިއާ އިން އިންޒާރުދިން ގޮތަށް އިންޒާރުތައް ދެމުން. އެހެންވީމަ ޗައިނާ އިން ވެސް އަނެއްކާ ބޮޑު ހަނގުރާމަ އެއް ފަށާފާނެ ކަމުގެ ބިރު އެބައޮތް" ކިނެޓިކް ކުންފުނީގެ ވެރިޔާ ސުޓީވް ވަޑޭ ވަނީ ބުނެފައެވެ.

ހުޅަނގުގެ ގައުމުތަކުން މިހާރު އެ ގައުމުތަކުގެ އަސްކަރިއްޔާ ތައްޔާރަށް ބޭއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މިކަމުގެ ސަބަބުން ހަތިޔާރު އުފައްދާ ކުންފުނިތަކަށް މިހާރު ވަރަށް ގިނަ އޯޑަރުތައް ވެސް އައިސްފައިވާ ކަމަށް ކިނެޓިކް ކުންފުނިން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    ހަތިޔާރުއުފައްދާ އެއިންވިޔަފާރިކުރާ އެމެރިކާގެ ޕުރެޕަގެންޑާފަތުރާ ފަރާތެއްކަންޔަގީން.. ކޮވިޑްވެކްސިންވެސް ތިފަދަ ބަހަނާތަކެއްދައްކައިގެން އުފައްދައިގެން ފައިދާގަނޑެއްނެގި!!

    1
    5