ނިރުބަވެރި އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ ޣައްޒާގެ ހޮސްޕިޓަލެއްގައި ތިބި އަލަށް ވިހެއި 20 ކުއްޖަކަށް ބޭނުންވާ ފަރުވާ ނުލިބި މަރާއި ހަނގުރާމަ ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ޔުނިސެފްއާއި ހަވާލާދީ މީޑިއާތަކުން ބުނީ، ޣައްޒާގެ ޑިއާ އެލް-ބަލާގައި ހުންނަ އަލް-އަޤްސާ ހޮސްޕިޓަލަށް ތެޔޮ ލިބުމުގެ ދަތިތަކާއި ކުރިމަތިވެ، ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އަޤްސާ ހޮސްޕިޓަލަށް ތެޔޮ ލިބުން ލަސްވެއްޖެނަމަ، އެ ހޮސްޕިޓަލުގައި ހުންނަ ޖެނެރޭޓަރުތައް މަސައްކަތް ކުރުން ހުއްޓި، ހޮސްޕިޓަލުން އެއްކޮށް ކަރަންޓް ކެނޑިގެންދާނެއެވެ.

އެ ހޮސްޕިޓަލުން ތެޔޮ ހުސްވަމުން އަންނައިރު، މިހާރު ވެސް އެތަނުގައި އަލަށް ވިހެއި 20 ކުއްޖަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެހެން ކަމުން ތެޔޮ ހުސްވެއްޖެނަމަ، މި ކުދިންނަށް ފަރުވާ އެއް ނުލިބޭނެއެވެ.

"ޣައްޒާ އަށް ތެޔޮ ބޭނުންވޭ. އަދި މީހުންނަށް ފަރުވާ ދިނުމަށް ރައްކާތެރި މާހައުލެއް ވެސް ބޭނުންވޭ" ޔުނިސެފުން ބުންޏެވެ.

އެ ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރ އިޔާދު އަލް ޖަބްރީ ވިދާޅުވީ ކަރަންޓް ޖަނަރޭޓަރުތައް ހުއްޓުމަކަށް އައިސް މިހާރު އަނދިރިކަމުގެ ތެރޭގައި އޮތް މެޑިކަލް ފެސިލިޓީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށާއި ބަލިމީހުންނަށް ފަރުވާ ދިނުމަށް ދުވާލެއްގެ މައްޗަށް 4،000 ލީޓަރަށްވުރެ ގިނަ ތެޔޮ ބޭނުންވާ ކަމަށެވެ.