ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އަމުރު ކޮށްފިއެވެ. ދުނިޔޭގެ ކޯޓުން މި އަމުރު ކޮށްފައިވަނީ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ދެކުނު އެފްރިކާއިން ވަނީ ދުނިޔޭގެ ކޯޓަށް ކުއްލި ދެ މައްސަލައެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ނިރުބަވެރި އިސްރާއީލުން ރަފާހަށް އަރައި ހިންގަމުން އަންނަ ގަތުލުއާންމުގެ މައްސަލަ ވެސް ހިމެނެއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން، ރަފާހަށް ވަދެ ހަމަލާތައް ދޭން ފަށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މިމައްސަލައާއި ގުޅިގެން މިއަދު ދުނިޔޭގެ ކޯޓުން ވަނީ ގޮތެއް ނިންމާފައެވެ. އެގޮތުން އެ ކޯޓުގެ އިސް ފަނޑިޔާރު، ނަވާފް ސަލާމް ވިދާޅުވީ، އެންމެ ފަހުން މިދިޔަ މާޗް މަހު އެކޯޓުން ނެރުނު އަމުރާއި އެކީ ވެސް ނިރުބަވެރިން ރަފާހަށް ވަދެ، ހަމަލާތައް ދިނުމުން ރަފާހުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށެވެ.

ނަވާފް ވިދާޅުވީ، ނިރުބަވެރިން ޣައްޒާއިން މީހުން ނެރެން ކުރާ މަސައްކަތަކީ ވެސް އެކަށީގެންވާ މަސައްކަތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ޚާއްސަކޮށް ރަފާހުގައި ދިރިއުޅެމުން އައި މީހުންގެ ފުރާނައަށް ނުރައްކާ ވެފައިވާ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

އެހެން ކަމުން ނިރުބަވެރިން ރަފާހުގައި ހިންގަމުން އަންނަ އޮޕަރޭޝަންތަކާއި ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވަނީ އަމުރު ކޮށްފައެވެ.

ދުނިޔޭގެ ކޯޓުން ވަނީ އިސްރާއީލުން ހިންގަމުން އަންނަ ގަތުލުއާންމުގެ ސަބަބުން އިސްރާއީލާއި ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އެޅިދާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހައްދުފަހަނައެޅި ޒަޔަނިސްޓް ޔަހޫދީންނަައި ދެކޮޅަށް ތެދުވުމީ ދުނިޔޭގެ ކޯޓަށް ކުރެވޭނެ ކަމެއް ނޫން. އެކަން ކުރެވޭނީ އެ ނަހަލާލު ދަޢުލަތުގެ ވަށަވަށައިގެން ތިބި އިސްލާމީ ޤައުމުތައް އެކައްޗެކޭ ކިޔައިގެން. ދެން ދުނިޔެ އެކަމަށް އިޖާބަދީގެން. އޭރުން އެއް ދުވަސްތެރޭ އެކަން ހުއްޓޭނެ. ނަމަވެސް އެއީކީ މިއަދު ވާނެ ކަމެއް ނޫން.