ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނާއި ދެމެދު ހަނގުރާމަ ފެށުނު ދުވަހު މަރާލި، ޔަހޫދީ ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އިސްރާއީލުގެ ސިފައިން ބުނެފިއެވެ.

ނިރުބަވެރި އިސްރާއީލުން ބުނި ގޮތުގައި ރޭގެ ވަގުތެއްގައި ޣައްޒާގެ އުތުރުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ފެނިފައިވަނީ އުމުރުން 30 އަހަރުގެ އޮރިއަން ހަނާންޑެޒް ރަޑޫކްސް، 42 އަހަރުގެ ހަނާން ޔަބްލޮންކާގެ އިތުރުން 59 އަހަރުގެ މައިކަލް ނިސެމްބައުމް ނަމަކަށް ކިޔާ ތިން މީހެއްގެ ހަށިގަނޑެވެ.

ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް، އިސްރާއީލް ސިފައިން ބުނެފައިވަނީ އެމީހުން މަރާލާފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ކަމަށެވެ. އެމީހުން މަރުވެފައިވާކަން އިއުލާނު ކޮށްފައިވާއިރު، އެކަން އެނގުމާއި ހަމަައަށް ނިރުބަވެރިން ގަބޫލުކޮށްގެން ތިބީ އެމީހުން ދިރިތިބި ކަމަށެވެ.

ނިރުބަވެރިން ބުނި ގޮތުގައި ހަމާސްއިން އެމީހުން ރަހީނުކޮށްފައިވަނީ މެފަލްސިމް ސަރަހައްދުންނެވެ. އެ ސަރަހައްދަކީ އެއީ މީގެ ކުރިން ވެސް ހަމާސްއިން ހަތަރު މީހަކު ރަހީނުކޮށް މަރާލާފައިވާ ސަރަހައްދެއް ކަމަށް ވެސް ނިރުބަވެރިން ވަނީ ބުނެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު މަރާލި ކަމަށް ބުނާ ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ނިރުބަވެރިން ބުނެފައިވާއިރު، ހަމާސްއިން ހަމަ އެދުވަހު މަރާލާފައިވާ ކަމަށް ބެލެވޭ އުމުރުން 53 އަހަރުގެ ރޮން ބެންޖަމިން ނަމަކަށް ކިޔާ މީހެއްގެ ހަށިގަނޑު ވެސް ނިރުބަވެރިންނަށް ވަނީ ފެނިފައެވެ. ނިރުބަވެރިން ބުނި ގޮތުގައި ހަމާސްއިން އޭނާ ކިބުޓްސް މެފަލްސިމް ސަރަހައްދުގައި މަރާލައި ވަނީ ޣައްޒާއަށް ގެންގޮސްފައެވެ.