ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލް ޣައްޒާގެ އެތައް ބަޔަކު ދިރިއުޅެމުން އައި ރަފާހަށް ހަމަލާދިނުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ ދުނިޔޭގެ ކޯޓުން ބުނެފިއެވެ.

އިސްރާއީލުން ރަފާހުގައި ހިންގަމުން އަންނަ ގަތުލުއާންމާއި ދެކޮޅަށް ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް މިއަދު ކޮށްފައިވާއިރު، އެކޯޓުގެ އިސް ފަނޑިޔާރު، ނަވާފް ސަލާމް ވިދާޅުވީ، ރަފާހުގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށާއި ޣައްޒާގައި ތިބި މީހުން އެހެން ހިސާބުތަކަށް ނުވަތަ އެތަނުގައި ތިބި މީހުން ނެރުމަށް ނިރުބަވެރިން ކުރަމުން އަންނަ މަސައްކަތަކީ އެންމެ އެކަށީގެންވާ މަސައްކަތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އެހެން ކަމުން މިހާރުން މިހާރަށް ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށް ނަވާފް ވަނީ ވިދާޅުވެފައެވެ.

"ޣައްޒާގައި ތިބި ފަލަސްތީނުގެ މީހުންނަށް ކުރިމަތިވެދާނެ ކަންތަކަށް ބަލާއިރު، ނިރުބަވެރި އިސްރާއީލުން ރަފާހުގައި ހިންގަމުން އަންނަ ހަމަލާތައް ނުވަތަ އެފަދަ ހުރިހާ ކަމެއް މިހާރު މިހާރަށް ހުއްޓާލަން ޖެހޭ" ނަވާފް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ޣައްޒާގެ ހާލަތު ބެލުމަށް ތިބޭ އިދާރާތަކަށް ޣައްޒާ ވަދެވޭނެ ފުރުސަތު އިސްރާއީލުން ފަހިކކޮށްދޭން ޖެހޭނެ ކަމަށް ވެސް ނަވާފް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ކޯޓުން ބުނެފައިވަނީ މިހާރުގެ ހާލަތުގެ ސަބަބުން ޣައްޒާގައި ތިބި ރައްޔިތުންގެ ހައްގުތަކާއި އެމީހުންނަށް ނުރައްކާ އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނިރުބަވެރިންގެ ގަތުލުއާންމުގެ ސަބަބުން އެގައުމާއި މެދު އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ޝަރުތުތައް ވެސް މިހާރު ފުރިހަމަވެފައިވާ ކަމަށެވެ.