ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި ސަރުކާރުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިތިބި ކުށެއް ނެތް ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށާއި އެކަށީގެންވާ މަސައްކަތެއް އިސްރާއީލުން އެހީ ފޯރުކޮށްދިނުމަށް ކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ދުނިޔޭގެ ކޯޓުގެ މައި ފަނޑިޔާރު ވިދާޅުވެއްޖެއެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހް ގައި ދެމުންދާ އަނިޔާވެރި ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އެ ގައުމަށް އަމުރުކޮށްދިނުމަށް އެދި ދެކުނު އެފްރިކާ އިން ދުނިޔޭގެ ކޯޓަށް ހުށަހެޅި މައްސަލައިގެ ދުނިޔޭގެ ކޯޓުގެ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ އިސްރާއީލުން ޣައްޒާގެ ރަފަހްގައި ކުރިއަށް ގެންދާ ހަމަލާތައް ހުއްޓާލުމަށް އެ ގައުމަށް އަމުރުކޮށްފައެވެ.

ދުނިޔޭގެ ކޯޓުގެ އިސް ފަނޑިޔާރު ވިދާޅުވީ 800،000 މީހުން އެމީހުންގެ ގެދޮރުން ގަދަކަމުން ބޭރުކޮށްފައިވާ ކަމަށާއި އެމީހުންނަކީ މިހާރު ރެފިއުޖީން ކަމަށާއި އެމީހުން ރެފިއުޖީންނަށް ވާން ޖެހުނު ސަބަބު މެދުވެރިކުރުވީ އިސްރާއީލުން ކަމަށެވެ. އަދި އިސްރާއީލުން މިހާރު ދައްކާ ވާހަކަތަކަށް އިތުބާރު ކުރަން ވަރަށް ދަތި ކަމަށާއި ޣައްޒާގެ މަންޒަރުތައް ފެންނަނީ އިސްރާއީލްގެ ބަސްމަގާއި މުޅިން ތަފާތުކޮށް ކަމަށް ވެސް އިސް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނުގެ ޣައްޒާގެ ރަފަހްގައިވާ ރަފަހް ބޯޑަރު ކުރޮސިންގް ވީހާ އެންމެ އަވަހަކަށް ހުޅުވައި އެ ތަން މެދުވެރިކޮށް ޣައްޒާގައި ހާލުގައި ޖެހިފައިތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަވަސް އިންސާނީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށް ވެސް ދުނިޔޭގެ ކޯޓުން ވަނީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ މައްޗަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން ދުނިޔޭގެ ކޯޓުގެ އިސް ފަނޑިޔާރު ވިދާޅުވެފައިވަނީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ޤަތުލް އާންމެއް ހިންގާފައިވޭތޯ ބެލުމަށް އދ ގެ އޮބްސާވަރުން އަވަހަށް ޣައްޒާ އަށް ވަނުމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށާއި ލަސްވާނަމަ އެކަމުގެ ހެކިތައް ނައްތާލުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.