ޖަޕާނާއި ދެކުނު ކޮރެއާ އިން އުތުރު ކޮރެއާ އިން ރަޝިއާ އަށް ހަތިޔާރު ފޯރުކޮށްދެމުންދާތީ އެ ގައުމާއި ދެކޮޅަށް ވަރުގަދަ މާލީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އުތުރު ކޮރެއާ އިން ރަޝިއާ އިން ޔޫކުރޭނާއި ދެކޮޅަށް ކުރަމުންދާ ވަރުގަދަ ހަނގުރާމައިގައި ބޭނުން ކުރުމަށް ހަތިޔާރު ފޯރުކޮށްދީފައި ކަމަށް ޖަޕާނާއި ދެކުނު ކޮރެއާ އިން ވަނީ ތުހުމަތުކޮށްފައެވެ. އަދި މި ތުހުމަތުތައް ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށާއި މިއީ ބައިނަލް އަޤްވާމީ މުއާހަދާތަކާއި ހިލާފް ކަމެއް ކަމުން އުތުރު ކޮރެއާގެ ހަތިޔާރު ސިޕްމެންޓްތައް އުފުލައިދިން ވަކި ވަކި ކުންފުނިތަކާއި ދެކޮޅަށް މާލީ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް ވެސް ޖަޕާނާއި ދެކުނު ކޮރެއާ އިން ވަނީ އިއުލާން ކޮށްފައެވެ.

ދެކުނު ކޮރެއާ އާއި ޖަޕާނުން މިކަން އިއުލާން ކޮށްފައިވަނީ ޗައިނާ އާއި ދެކުނު ކޮރެއާ އަދި ޖަޕާނުން އެކީ ބޭއްވި ޓުރިލެޓްރަލް ސަމިޓް އަށް ފަހުއެވެ. ޖަޕާނާއި ދެކުނު ކޮރެއާ އާއި ޗައިނާގެ މެދުގައިވާ ހާރިޖީ ގުޅުން ގޯސްވެފައިވުމުން މި ސަމިޓް މި ބޭއްވީ 5 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. ސިޔާސީ މާހިރުން ވިދާޅުވާ ގޮތުގައި މިއީ މި ތިން ގައުމުގެ ގުޅުން ހަރުދަނާ ވަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

އަސްކަރީ މާހިރުން ދެކިލައްވާ ގޮތުގައި އުތުރު ކޮރެއާ އިން މި ފަހުން އެ ގައުމުން ހަތިޔާރު ޓެސްޓް ކުރުން ގިނަ ކޮށްފައިވަނީ އެ ހަތިޔާރުތައް ރަޝިއާ އަށް ފޮނުވުމަށެވެ. ޖަޕާނުގެ ސަރުކާރުގެ ތަރުޖަމާނު ޔޮޝިމަސާ ހަޔާޝީ ވަނީ އުތުރު ކޮރެއާ އިން ހަތިޔާރު ޓެސްޓް ކުރުން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.

ރަޝިއާ އިން ޔޫކުރޭނުގައި ކުރަމުންދާ ހަނގުރާމައިގައި އެ ގައުމުން އުތުރު ކޮރެއާ އަދި އިރާންގެ ހަތިޔާރުތައް ބޭނުން ކުރާ ކަމުގެ ތުހުމަތު އެމެރިކާ އިންނާއި ހުޅަނގުގެ ގައުމުތަކުން ވަނީ ކޮށްފައެވެ.