ޗައިނާ އިން އެމެރިކާ އަށް އެތެރެކުރާ ކަރަންޓް ކާރުތަކުން އިތުރަށް ޓެކްސް ނެގުމާއި ދެކޮޅު ކަމަށް ދުނިޔޭގެ އެންމެ މުއްސަދި މަހުޖަނު އެލަން މަސްކު ބުނެފިއެވެ.

އެމެރިކާގެ ބިލިނިއަރު މިހެން ބުނެފައިވަނީ ފަރެންސޭސިވިލާތުގެ ވެރި ރަށް ޕެރިސްގައި ކުރިއަށް ދިޔަ ޓެކްނޮލޮޖީ ކޮންފަރެސް އެއްގައި ވީޑިއޯގެ ޒަރިއްޔާ އިން ވާހަކަދައްކަމުންނެވެ.

އެމެރިކާގެ ބައިޑެން ސަރުކާރުން މި ދިޔަ ހަފްތާގައި ވަނީ ޗައިނާ އިން އެތެރެކުރާ ކަރަންޓް ކާރުތަކުން ނަގާ ޓެކްސް ކުރިއަށްވުރެ 4 ގުނަ އިތުރުކޮށްފައެވެ. މިކަމާއި މެދު ޗައިނާގެ ކަރަންޓް ކާރުތަކުގެ އަގު ވަނީ ކުރިން ހުރި ވަރަށް ވުރެ އެތައް ގުނަ އެއް އިތުރުވެފައެވެ.

" ޓެސްލާ އިން ވެސް އަދި އަހަރެން ވެސް މި ކަހަލަ ޓެކްސް އަކަށް އެމެރިކާގެ ސަރުކާރުގައި އެދިފައި އެއް ނުވާނެ. މިއީ އަހަރެމެން ވެސް އެދޭ ގޮތެއް ނޫން. ޓެކްނޮލޮޖީ އަށް ލިބޭ ކޮންމެ ގެއްލުމަކީ އަހަރެމެން ކަންބޮޑުވާނެ ކަމެއް" ކަރަންޓް ކާރު އުފެއްދުމުގައި މުޅި ދުނިޔޭގައި ވެސް ދެ ވަނަ އަށް އެންމެ ބޮޑު ކުންފުނި ޓެސްލާގެ ވެރިޔާ ބުންޏެވެ.

އެލަން މަސްކު މިހެން ބުނެފައިވީ ނަމަވެސް މިދިޔަ ޖަނަވަރީ މަހުގައި އޭނާ ވަނީ ދުނިޔެ އަށް އިންޒާރެއް ދީފައެވެ. އޭނާ ބުނެފައިވަނީ ޗައިނާގެ ޕުރޮޑަކްޝަން ކޯސްޓް ދަށްވުމުގެ ސަބަބުން އެ ގައުމުގެ ކަރަންޓަ ކާރު އުފައްދާ ކުންފުނިތަކަށް ވަރަށް ފައިދާވާ ކަމަށާއި އެހެން ގައުމުތަކުން ޗައިނާގެ ކަރަންޓް ކާރުތަކުން ނަގާ އިންޕޯޓް ޓެކްސް ބޮޑު ނުކުރާ ނަމަ ދުނިޔޭގައި ކަރަންޓް ކާރުގެ ވިޔަފާރީގައި އެއްވެސް ވާދަވެރިކަމެއް ނޯންނާނެ ކަމަށެވެ.