ބަންގާޅު ކަނޑުގައި އުފެދުނު ލޯ ޕްރެޝާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ތޫފާން "ރެމަލް" މިރޭ ބަންގްލަދޭޝްއަށް އަރާނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފިއެވެ.

ތޫފާން ރެމާލް އަރާނެ ކަމަށް ލަފާކުރެވެނީ މެއި މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅަނގު ބެންގަލް އާއި ބަންގްލަދޭޝްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށެވެ.

މެއި މަހުގެ 22 ވަނަ ދުވަހު ބަންގާޅު ކަނޑުގައި ފުރަތަމަ ފެނުނު ލޯ ޕްރެޝަރު ވަރުގަދަވެ، މިހާރު އޮތީ ބަންގާޅު ކަނޑުގައި މެދުތެރޭގައި ތޫފާނަކަށް ބަދަލުވެފައެވެ. އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި މި ކޮޅިގަނޑު އިތުރަށް ވަރުގަދަވެ ތޫފާނަކަށް ބަދަލުވެ، މެއި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު އިންޑިއާގެ އިރުއުތުރުއާ ދިމާއަށް ވަނީ ދަތުރުކޮށްފައެވެ.

މި ތޫފާނުގެ އަސަރު ކުރި ސަރަހައްދުތަކުގެ ތެރޭގައި ހުޅަނގު ބެންގަލް، ކޯސްޓަލް ބަންގްލަދޭޝް، ޓްރިޕޫރާ އަދި އިރުއުތުރުގެ ސްޓޭޓްތަކުގެ ބައެއް ހިސާބުތަކެވެ. މި ސަރަހައްދުތަކުގެ އިތުރުން އަވަށްޓެރި ސްޓޭޓް ޓްރިޕޫރާގައި ވެސް މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ އިލްތިމާސްކޮށްފައެވެ. ޓްރިޕޫރާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު ގަޑިއަކު 40-50 މޭލު ބާރުމިނުގައި އަދި ޕީކް ގަޑިތަކުގައި ގަޑިއަކު 70 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

އެހެންކަމުން އެސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ގެއިން ބޭރަށް ނުނުކުމެ ގޭގައި ތިބުމަށާއި، ކޮންމެހެން ބޭނުން ނުވާހާ ހިނދަކު ބޭރަށް ނުކުތުމަށް، އަދި ބޭރުގައި ހުންނަ ތަކެތި ރައްކާތެރިކުރުމަށާއި، ތަންތަން ވަޔާއެކު ހަލާކުވުމުން ރައްކާތެރިކުރުމަށްޓަކައި އެތަންތަން ވަރުގަދަކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އިންޑިއާގެ ކޮލްކަތާ އެއާޕޯޓު ސަރަހައްދަށް މި ތޫފާން އެރުމުގެ ސަބަބުން އާދީއްތަ ދުވަހުގެ ރޭ 9 ގަޑިއިރަށް ފްލައިޓް އޮޕަރޭޝަންތައް ހުއްޓާލާން ވަނީ ނިންމާފައެވެ. އަދި އާދީއްތަ ދުވަހުގެ މެންދުރު 12 އިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނު 9 އަށް އެއަރޕޯޓް ބަންދުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތައް ހިމެނޭހެން ކޮމޮރިން އޭރިއާއާއި ބަންގާޅު ކަނޑުގެ ދެކުނާއި އަރަބި ކަނޑުގެ ދެކުނާއި އަންޑަމަން އަދި ނިކޮބަރ އައިލެންޑްސް ހިމެނޭ ސަރައްދުވެސް ހިމެނޭހެން ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވެފައިވާކަމަށްވެސް އިންޑިއާގެ މެޓުން ވަނީ ބުނެފައެވެ.