ރަޝިއާ އާއި އެސްޓޯނިއާގެ ބޯޑަރު ވަކި ކުރަން ދެ ގައުމު ހިއްސާވާ ނަރްވާ ކޯރުގެ ސަރަހައްދުގައި ޖަހާފައިވާ ބޮއިތައް ރަޝިއާއިން ނެގުމުން ޔޫރަޕިއަން ޔޫނިއަން އިން އެކަން ވަރަށް ބޮޑަށްކުށްވެރިކޮށްފިއެވެ.

އެސްޓޯނިއާގެ އޮފިޝަލުން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ސެއިލިން ރޫޓްތައް ފާހަގަކުރުމަށް ބަހައްޓާފައި ހުރި 50 ބޮއިގެ ތެރެއިން 24 ބޮއި ރަޝިއާގެ ސިފައިން ނައްތާލާފައިވާ ކަމަށެވެ.

2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިންއަށް އަސްކަރީ ގޮތުން ހަމަލާދިނުމާއި އެކު ބޯޑަރުގެ މައްސަލާގައި އެސްޓޯނިއާ އާއި ރަޝިއާގެ ދެމެދުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

އީޔޫގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވީ މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ބޯޑަރު ސަރަހައްދުގައި ހިނގި މި ހާދިސާއަކީ ބޯލްޓިކް ކަނޑުގެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދާއި އެއްގަމު ބޯޑަރުތައް ހިމެނޭ ގޮތަށް ރަޝިއާގެ އަސްކަރިއްޔާ އިން ހިންގި ހަރުކަށި އަމަލެއް. މިއީ ބައިނަލްއަޤްވާމީ ގަވާއިދުތަކާއި މުޅިން ހިލާފް ރަޝިއާގެ ހަރުކަށި ވައްޓަފާޅިއެއްގެ ތެރޭގައި ހިމެނޭ ހާދިސާއެއް،" އޭނާ ވިދާޅުވި އެވެ.

އެސްޓޯނިއާގެ ބޯޑަރ ގާޑް ސާވިސް އިން ބުނީ ބޭރުގެ ކަނޑުގެ ސަރަހައްދަށް ބޯޓުފަހަރު ނުވަދެވޭ ގޮތަށް ބޭނުންކުރާ ފްލޯޓިން މާކަރުތައް ބެހެއްޓުމުގެ މައްސަލަ މޮސްކޯއިން ބަލައި، ގާތްގަނޑަކަށް 250 ބޮއީގެ ދެބައިކުޅަ އެއްބައި ބޯއީ ނަގަން ކުރިން ވެސް ވިސްނާފައިވާ ކަން ދޭހަވާ ގޮތަކަށް ވާހަކަދައްކާފައިވާ ކަމަށާއި އެއީ އެސްޓޯނިއާ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެސްޓޯނިއާގެ ބޮޑުވަޒީރު ކަޖާ ކަލާސް ވިދާޅުވީ ރަޝިއާއާއެކު އޮތް ހާލަތު ސާފުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ފަދަ އަމަލުތައް އަޅާނުލައްވައި ދޫކޮށް ނުލާނެ ކަމަށާއި މިއީ ގައުމީ ކަމެއް ކަމަށެވެ.

އެސްޓޯނިއާގެ ފޮރިންގް މިނިސްޓްރީން ވަނީ ރަޝިއާ އިން އެ ގައުމަށް ކަނޑައަޅާފައި ހުންނަ ސަފީރު އެ ގައުމުގެ ފޮރިންގް މިނިސްޓްރީ އަށް ހާޒިރުކޮށް މި ކަމާއި ބެހޭ ގޮތުން ސުވާލުކޮށްފައެވެ. އަދި ރަޝިއާ އިން ނެގި ހުރިހާ ބޮއި ތައް އަނބުރާ ދިނުނަށް ވެސް އެ ގައުމުން ވަނީ ރަޝިއާ އަށް އަންގާފައެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ވަނީ މިދިޔަ ހަފްތާފައި އެ ގައުމުން ބަލްޓިކް ކަނޑުގައި އެ ގައުމުގެ އައު ބޯޑަރުގެ އިންތައް ކަނޑައަޅައި ޕުރޮޕޯސަލް އެއް ނެރެފައެވެ. ނަމަވެސް ނޭޓޯގެ ގައުމުތަކުން އެ ޕުރޮޕޯސަލް އާއި މެދު ކަންބޮޑުވުން ފާޅުކުރުމުން ރަޝިއާގެ ދިފާއީ ވުޒާރާއިން ވަނީ އެ ޕުރޮޕޯސަލް ޑިލީޓްކޮށްލާފައެވެ.