ޕަޕުއާ ނިއުގިނީގައި ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދަށް ރެސްކިއު ޓީމުތައް ގޮސް، އެތައް ސަތޭކަ ބަޔަކު ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ ހުކުރު ދުވަހުގެ ފަތިހު 3:00 އެހާކަންހާއިރު އެންގާ ޕްރޮވިންސްގެ އެކަހެރި ސަރަހައްދަކަށް މި ކާރިސާގެ ހާލަތު ކުރިމަތިވީ ގިނަ ބަޔަކު ގޭގައި ނިދާފައި ތިއްބާއެވެ.

"މިދަނޑިވަޅުގައި އަދިވެސް މި ދަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވަޅުލެވިފައިވާ މީހުންގެ ހަށިގަނޑުުތައް ހޯދުމުގެ މަސައްކަތް ކުރަމުން، 300 އަށް ވުރެ ގިނަ މީހުން ބިމު އަޑީގައި ވަޅުލެވިފައި ތިބެެދާނެ ކަމުގެ ބިރު އެބަ އޮތް،". ކޮމިއުނިޓީ ލީޑަރު މާކް އިޕޫއާ ވިދާޅުވިއެވެ.

ވެރިރަށް ޕޯޓް މޮރެސްބީގައި ހުންނަ އދ.ގެ އޮފިޝަލަކު ހޮނިހިރު ދުވަހުގެ ހެނދުނު އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް ހަތަރު މީހެއްގެ ހަށިގަނޑު ކުނިތަކުގެ ތެރެއިން ނަގާފައިވާ ކަމަށެވެ.

"ކުނިތަކުގެ ދަށުގައި ވަރަށް ގިނަ ގެތައް އެބަހުރި، އެތަންތަނަށް ނުދެވޭ،" އދ.ގެ އޮފިޝަލް ސެރްހާން އަކްޓޮޕްރަކް ވިދާޅުވިއެވެ.

އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާަތައް ހިނގަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން މީހުން އޮޕަރޭޓް ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.

އެހީދޭ އެޖެންސީތަކުން ބުނީ މި ކާރިސާގެ ސަބަބުން އެ ރަށުގެ ޖަނަވާރުތަކާއި ކާބޯތަކެތީގެ ދަނޑުބިންތަކާއި ސާފު ފެނުގެ ވަސީލަތްތައް ވަރަށް ބޮޑަށް ނެތިގެން ގޮސްފައިވާ ކަމަށެވެ.

ކާރިސާގެ ސަރަހައްދަށް ޑޮކްޓަރުންނާއި އަސްކަރިއްޔާ އާއި ފުލުހުންގެ ރެޕިޑް ރެސްޕޮންސް ޓީމެއް މިއަދު ހެނދުނު ގޮސްފައިވާއިރު، އެ މީހުންނަށް އެ ސަރަހައްދަށް ވަދެވުނީ ބޮޑެތި މަގުތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އުނދަގޫ ދަތުރަކަށް ފަހުގައި ކަަމަށް ރިޕޯޓްތައް ބުނެއެވެ.