40 ގައުމަކުން އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ރައްކާތެރި ކުރުމަށް ތުރުކީގެ އަންމޭންޑް އޭރިއަލް ވެހިކަލް ތައް ބޭނުން ކުރަމުންދާ ކަމަށް ތުރުކީވިލާތުން ބުނެފިއެވެ.

ތުރުކީވިލާތުގެ ސަރުކާރުގެ އިސްވެރިއެއް ބުނެފައިވަނީ ތުރުކީވިލާތުން 40 ގައުމަކާއި އެކީ ދިފާއީ އެއްބަސްވުންތައް ހަދައި އެ އެއްބަސްވުންތަކުގެ ދަށުން ޑުރޯންތައް ވިއްކާފައިވާނެ ކަމަށެވެ. އަދި މިއީ ތުރުކީވިލާތް ޑިފެންސް އިންޑަސްޓްރީގައި ކުރިއަރާފައިވާ މިންވަރު ވަރަށް ބޮޑަށް ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ތުރުކީ ސަރުކާރު އޮފިސަލު ވަނީ ބުނެފައެވެ.

" މިއީ ތުރުކީގެ ދިފާއީ އިންޑަސްޓްރީ ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަން ސާބިތުކޮށްދޭ ކަމެއް. ތުރުކީ އަކީ މިހާރު މުޅި ދުނިޔޭގައި ވެސް އަންމޭންޑް އޭރިއަލް ވެހިކަލް އުފެއްދުމާއި ސަޕްލައި ކުރުމުގައި އެއްވަނަ ގައުމު. އަހަރެމެން މިހާރު މި ވަނީ މި އިންޑަސްޓްރީގައި ވަރަށް ގަދަ އަށް ފައި ހަރުކޮށްފަ. އަހަރެމެން ދެން ކުރަން ހުރި ކަންކަން ވަރަށް ގިނަ އެއީ މި އިންޑަސްޓްރީ އަކީ ވަރަށް ވާދަވެރި އިންޑަސްޓްރީ އެއް އެހެން ކަމުން ވަރަށް ގިނަ ދާއިރާތަކުގައި އެކި އެކި އީޖާދުތައް ތުރުކީ އިން ކުރަން ޖެހޭ އަދި މުސްތަޤްބަލުގައި ވެސް އަހަރެމެން ދާނީ އެގޮތަށް"

ތުރުކީވިލާތުން ވަނީ އެ ގައުމުގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ވަރަށް ބޮޑެތި އިންވެސްޓްމެންޓް ތަކެއް ކޮށްފައެވެ. ތުރުކީގެ ރައީސް ރަޖެބް ތޮއްޔިބު އުރުދުޤާން ވަނީ އެންމެ ފަހުގެ ރިއާސީ އިންތިހާބުގެ ތެރޭގައި ތުރުކީގެ އަސްކަރިއްޔާ ޒަމާނީ ކުރާނެ ކަމުގެ ވައުދުވެފައެވެ.