ރަޝިއާ އިން ޔޫކުރޭނުގައި ކުރަމުންދާ ހަނގުރާމައިގައި އެ ގައުމުން ހަނގުރާމައިގެ މޮޅު އުކުޅެއް ބޭނުންކޮށްފިއެވެ.

ރަޝިއާ އިން އުތުރު ޔޫކުރޭނުގެ އޮންނަ ޚާރްކީވް ސަރަހައްދުގައި ހަމަލާތައް ވަރުގަދަ ކޮށް ޔޫކުރޭނުގެ ދެވަނަ އަށް އެންމެ ބޮޑު ސަހަރު ކަމަށްވާ ޚާރްކީވް ސަހަރު ހިފުމާއި ވަރަށް ގާތަށް ވަނީ ގޮސްފައެވެ. ރަޝިއާގެ އަސްކަރިއްޔާގެ ހަމަލާތަކުގެ ވަރުގަދަކަމުން ޔޫކުރޭނުގެ ފައުޖުތަކަށް ވަރަށް ބޮޑެތި ގޮށްޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ޔޫކުރޭނުގެ ސިފައިންގެ ވެރިޔާ ވެސް މީގެ ހަފްތާއެއް ކުރިން ވަނީ އެ ގައުމުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

ރަޝިއާގެ އަސްކަރިއްޔާގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޔޫކުރޭނުގެ ސިފައިންގެ ފައުޖުތައް ފަހަތަށް ޖެހުމަށް މަޖުބޫރުވެގެން ދިޔުމުގެ ނަތީޖާ އަކަށްވީ ޔޫކުރޭނުގެ އިރުމަތީގައި ތިބި ސިފައިން ޚާރްކީވް ސަރަހައްދަށް އަނބުރާ އެ ގައުމުން ގެނުމެވެ. އެއީ ޔޫކުރޭނުގެ އިރުމަތީގައި ހަނގުރާމަ މިހާރު ރަޝިއާ އިން ހުއްޓާލާފައި އޮތުމާއި އެކީ ކަމަށް ވެސް ޔޫކުރޭނުގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ރަޝިއާގެ އަސްކަރީ ވެރިން ވަނީ މި ދަނޑިވަޅުގެ ބޭނުން ހިފާ ޔޫކުރޭނުގެ އިރުމައްޗަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. އެއީ އެ ސަރަހައްދު ދިފާއުކުރަން ތިބި ޔޫކުރޭނުގެ ސިފައިންގެ އަދަދު މަދުވުމުންނެވެ.

ރަޝިއާގެ އަސްކަރިއްޔާ އިން މިހާރު ދަނީ ޔޫކުރޭނުގެ އިރުމަތީގައިވާ އަސްކަރީ ގޮތުން ވެސް ވަރަށް ސުޓްރެޖިކަލީ މުހިއްމު އަވަށެއް ކަމަށްވާ ޝަސިވް ޔަރް އަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުން ކަމަށް ރަޝިއާގެ މީޑިއާތަކުން ވަނީ މައުލޫމާތުދީފައެވެ.

ރަޝިއާގެ ހަމަލާތައް ވަރުގަދަ ނަމަވެސް ޔޫކުރެއިންގެ ސިފައިން އެ ސަރަހައްދުން ފަހަތަށް ނުޖެހޭނެ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ވަނީ އިއުލާން ކޮށްފައެވެ. ރަޝިއާ އިން މިހާރު ދަނީ ޔޫކުރޭނުގެ އިރުމައްޗާއި އުތުރުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.