ފަލަސްތީނުގެ ވަކި ދައުލަތެއް ބަލައިގަނެ ފަލަސްތީނާއި އެކީ ހާރިޖީ ގުޅުންތައް ވަރުގަދަ ކުރަން ނިންމައި ފަލަސްތީނުގައި ކޮލަމްބިއާގެ އެމްބަސީއެއް ހުޅުވުމަށް އެ ގައުމުގެ ރައީސް ގުސްޓާވޯ ޕެޓްރޯ ނިންމައިފިއެވެ.

ކޮލަމްބިއާގެ ޚާރިޖީ ވަޒީރު ލުއިސް ގިލްބާޓޯ މުރިލޯ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަލަސްތީނުގެ ރާމުއްﷲ ސިޓީގައި އެމްބަސީއެއް ހުޅުވުމަށް ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އަންގަވާފައިވާ ކަމަށެވެ.

"ރާމުއްاللهގައި ކޮލަމްބިއާގެ އެމްބަސީ ހުޅުވުމަށާއި، ރާމުއްاللهގައި ކޮލަމްބިއާ ތަމްސީލުކުރަން އޮފީހެއް ވެސް ހުޅުވުމަށް ރައީސް ޕެޓްރޯ ވަނީ ނިންމަވާފަ، އެއީ އަޅުގަނޑުމެން ފަލަސްތީނާއި އެކީ ތިބިކަން ސާބިތުކޮށްދޭން ދެން އެންމެ އަވަހަށް އަޅާނެ ފިޔަވަޅު،" ކޮލަމްބިއާގެ ހާރިޖީ ވަޒީރު މުރިލޯ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

ކޮލަމްބިއާގެ ހާރިޖީ ވަޒީރު މުރިލޯ ވިދާޅުވިގޮތުގައި އަދިވެސް ވަރަށް ގިނަ ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނާނެ ކަމަށާއި އދ ގައި އެކަމަށް ވޯޓަށް އެހުމުގެ ކުރިން މިހާރު ވެސް ގިނަ ގައުމުތަކުން ދަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ބޭނުންވާ ޤާނޫނީ މަސައްކަތްތައް ކުރަމުން ކަމަށް ވެސް މުރިލޯ ވިދާޅުވިއެވެ.

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ކޮލަމްބިއާ އިން ވަނީ މި ދިޔަ މަހުގައި އިސްރާއީލްގައި ހުންނަ އެ ގައުމުގެ ސަފީރު އަނބުރާ ކޮލަމްބިއާ އަށް ގެނެސްފައެވެ. އަދި ކޮލަމްބިއާގެ ރައީސް ޕެޓްރޯ ވަނީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލާއި އެކީ އޮންނަ ހާރިޖީ ގުޅުން ކަނޑާލާނެކަން އިއުލާން ކުރައްވާފައެވެ. ރައީސް ޕެޓްރޯ ވިދާޅުވީ އެހެން އެކަން ކުރަން ނިންމީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ކަމަށެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ ވެރި ރަށް ތެލް އަވީވް ގައި ހުންނަ ކޮލަމްބިއާގެ އެމްބަސީ މެއި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ވަނީ ރަސްމީކޮށް ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެއްޔާ

    މިވެރިން ނައްވާވަރުވެސް ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިންނައްނުވެ ކޮންކަހަލަ ވެރިންނެއް އެއީ