ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން މިއަދު ޣައްޒާގެ މެދުތެރޭގައިވާ ވަޑި ޣައްޒާ ސަރަހައްދަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ކުށެއް ނެތް 3 މީހުން ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ހަމަލާދީފައިވަނީ މީހުން ދިރިއުޅޭ އިމާރާތަކަށް ކަމަށާއި މި ހަމަލާގައި 3 މީހުން ޝަހީދުވުމުގެ އިތުރުން އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ވައިގެ ސިފައިންގެ ޖެޓްތައް މިއަދު ވަނީ ޣައްޒާގެ ޑެއިރް އަލް ބަލާހް އަވަށަށް ވެސް ވައިގެ ހަމަލާތަކެއް ދީފައި ކަމަށް ވަފާ ނިއުސް އެޖެންސީ އިން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި ސިފައިން މިއަދު ހެނދުނު ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާއެއްގައި ވަނީ ފަލަސްތީނުގެ ކުށެއް ނެތް އާންމުންގެ 3 މީހުން ޝަހީދުކޮށްލާފައެވެ.

ދުނިޔޭގެ ކޯޓުން އިއްޔެ ވަނީ ޔަހޫދީ ޣައިރު ޤާނޫނީ ދައުލަތުން ރަފަހް އަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އަމުރު ކޮށްފައެވެ. ނަމަވެސް ޔަހޫދީންގެ އަނިޔާވެރި ސަރުކާރުގެ ހަރުކަށި ވެރިން ބުނެފައިވަނީ ހަމަލާތައް ހުއްޓާނުލާނެ ކަމަށާއި ހަނގުރާމަ ވެސް ކުރިއަށްދާނެ ކަމަށެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ 38،000 ކުށެއް ނެތް ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.