އިޓަލީވިލާތުން އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އަށް އަނެއްކާ އަލުން އެހީދޭން ފަށައިފައިވާ ކަމަށް އެ ގައުމުން އިއުލާން ކޮށްފިއެވެ.

  1. އިޓަލީވިލާތުން މިކަން އިއުލާން ކޮށްފައިވަނީ އެ ގައުމުގެ ހާރިޖީ ވަޒީރު އެންޓޯނިއޯ ޓަޖަނި އާއި ފަލަސްތީނުގެ ހާރިޖީ ވަޒީރު މުހައްމަދު މުސްތަފާ އިޓަލީވިލާތުގެ ވެރި ރަށް ރޯމްގައި ބޭއްވި ރަސްމީ ބައްދަލުވުމަކަށް ފަހުއެވެ. މި ކަން އިއުލާން ކުރަމުން އިޓަލީވިލާތުގެ ހާރިޖީ ވަޒީރު އެންޓޯނިއޯ ޓަޖަނި ބުނެފައިވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިތިބީ މީހުންނަށް އެހީ ދިނުން މުހިއްމު ކަމަށް އިޓަލީވިލާތުން ދެކޭ ކަމަށާއި ވީހާ ވެސް ގިނަ ގައުމުތަކުން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

އިޓަލީވިލާތުގެ ހާރިޖީ ވަޒީރު ޓަޖަނި ބުނެފައިވަނީ ފަލަސްތީނު އާރާސްތު ކުރުމަށާއި ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީތައް ހަމަ ޖެއްސުމަށް އިޓަލީވިލާތުން ފަލަސްތީނަށް 38 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށާއި މި ތަނުން 5.4 މިލިއަން ޑޮލަރު ހަރުދުކުރާނީ އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އިން ކަމަށެވެ.

އިޓަލީވިލާތުން ވަނީ މި އަހަރުގެ ކުރީ ކޮޅުގައި އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އަށް އެހީ ދިނުން ހުއްޓާލާފައެވެ. އެއީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ދޮގު މައުލޫމާތު ތަކެއް ދިނުމާއި ގުޅިގެންނެވެ. އިސްރާއީލުން ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން ޔަހޫދީ އިސްރާއީލަށް ދިން ހަމަލާގައި އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީގެ މުވައްޒިފުން ބައިވެރިވެފައިވާ ކަމަށެވެ. މި ތުހުމަތުގެ ސަބަބުން ހުޅަނގުގެ 18 ގައުމަކުން ވަނީ ފަލަސްތީނަށް އެހީ ދިނުން ހުއްޓާލާފައެވެ.

ނަމަވެސް ޔަހޫދީ އިސްރާއީލުން ހެދި ދޮގުތައް ފަޅާ އެރުމުން މިހާރު ވަނީ އެހީ ހުއްޓާލި ގައުމުތަކުން އަނެއްކާ ވެސް އަލުން އެހީތައް ދޭން ފަށާފައެވެ. އެ ގޮތުން ކެނެޑާ، ސުވިޑެން، ޑެންމާކް، ފުރާންސް އެމެރިކާ އަދި އިނގިރޭސިވިލާތް ހިމެނެއެވެ.