ނިރުބަވެރިން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހުންނަ ކަމަލް އަދްވާން ހޮސްޕިޓަލް ވަށާލާފައި އޮންނަތާ ހަފްތާއަކަަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންގެ ވެރިޔާ ޑރ. ހުޝާމް އަބޫ ސާފިޔާ އަލްޖަޒީރާއަށް ވިދާޅުވީ އިސްރާއީލު ސިފައިން އަދިވެސް އެ ހޮސްޕިޓަލް ވަށައިގެން ތިބި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ހޮސްޕިޓަލްގެ ޚިދުމަތް ނުލިބި ވަނީ ނިރުބަވެރިން ވަށާލާފައި ތިބުމުންނެވެ. އަދި ރެޑްކްރޮސް އާއި ޔުނިސެފްގެ އެހީތެރިކަމަށް އެދުނު ނަމަވެސް ކަމެއް ކުރާނެ ކަމުގެ ޔަގީންކަމެއް ނުލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ބަލި މީހުންނާއި ދުވަސް ނުފުރާ އުފަންވާ ކުދިން އަދިވެސް ތިބީ ހޮސްޕިޓަލުގެ ތެރޭގައެވެ.

ޣައްޒާގެ ސިއްހީ ނިޒާމަކީ އިސްރާއީލު ސިފައިންގެ މައިގަނޑު އަމާޒަކަށް ވެއްޖެއެވެ.

އިސްރާއީލުގެ ބައެއް މީޑިއާތަކާއި ހަވާލާދީ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން އަންނަނީ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ނިރުބަވެރި އަސްކަރިއްޔާއިން ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އުދުވާން ހޮސްޕިޓަލަށް ހަމަލާތަކެއް ދޭން ރާވަމުން އަންނަ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ކަމާލް އުދުވާން ހޮސްޕިޓަލަކީ ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ހޮސްޕިޓަލުގެ ގިނަ ހިދުމަތްތައް ހުއްޓިފައިވާ ހޮސްޕިޓަލެކެވެ. މީގެ ކުރިން ވެސް އެ ހޮސްޕިޓަލުގެ އެކި ސަރަހައްދުތަކަށް ހަމަލާދީފައިވާއިރު، ފައިތުވި ހަފްތާއިން ފެށިގެން ނިރުބަވެރިން ވަނީ އެ ހޮސްޕިޓަލް ވަށާލާފައެވެ.