ހައްދުފަހަނައަޅާފައިވާ ޖައްބާރު އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ ވާހަކަތައް އަންނަ ހަފްތާގައި ފަށަން ތައްޔާރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް މިއަދު ބުނެފިއެވެ.

އިސްރާއީލްގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަޝްވަރާތަކުގައި ބައިވެރިވުމަށް އިސްރާއީލުން މިހާރު ވަނީ އެއްބަސްވެފައެވެ. މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި އަސީރުން ބަދަލު ކުރުމާ ގުޅޭ ގޮތުންނެވެ.

މި މަޝްވަރާ ބައްދަލުވުމުގައި އާ ހުށަހެޅުންތަކެއް ހުށަހަޅާނެ ކަމަށް ވެސް އރިޕޯޓުތައް ބުނެއެވެ.

މި މަޝްވަރާތައް މިސްރާއި ގަތަރުން އިސް ނަގައިގެން ކުރިއަށް ގެންދާއިރު، އެމެރިކާ އިން މިކަމުގައި މުހިންމު ރޯލެއް އަދާކުރެއެވެ.

މި މަޝްވަރާތައް އަލުން މި ބާއްވަނީ އިސްރާއީލް އާއި ހަމާސްއާ ދެމެދު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ސުލްހައިގެ ވާހަކަތައް ފެއިލްވެފައިވާ ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝައިހު މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީ މިދިޔަ މެއި މަހުގެ ތެރޭގައި ވިދާޅުވެފައި ވަނިކޮށެވެ. އެމަނިކުފާނު ވިދާޅުވި މަޝްވަރާތައް ފެއިލްވީ އިސްރާއީލުން ރަފަހަށް އަރައި ހިންގަމުން ގެންދާ ގަތުލުއާންމުތަކާ ގުޅިގެންނެވެ.

ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ އަށް ބޮން އަޅައި، އެއްގަމު މަގުން އަރައިގަތީ ހަމާސް އިން މިދިޔަ އޮކްޓޯބަރު 7 ގައިދިން ކުއްލި ހަމަލައާ ގުޅިގެންނެވެ. އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ހަމާސްގެ މުޖާހިދުން އަރައި 1،200 މީހުން މަރާލިއެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ހިމެނެއެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް ހަމަލާ ދޭން ޖެހުނީ ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއް ނެތި ދެމުން އަންނަ އަނިޔާތަކުގެ ސަބަބުންނެވެ. އަދި މަސްޖިދުލް އަޣްސާގެ ހުރުމަތް ކަނޑާލުމާއި ފަލަސްތީނުގެ ރައްޔިތުން ކުށެއް ނެތި ހައްޔަރު ކުރުމަކީ ހަމާސް އަށް ގަބޫލު ކުރެވުނު ކަމެއް ނޫނެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން ހަނގުރާމަ ކުރަމުންދާ އިރު، އެއްގަމު މަގުން އަރައިގެން އިސްރާއީލްގެ އަސްކަރިއްޔާ އަށް ލިބޭ ގެއްލުން ވަރަށް ބޮޑެެވެ. އެގޮތުން ޣައްޒާ އަށް އެއްގަމު މަގުން އެރި ސިފައިންގެ ތެރެއިން 286 ސިފައިން ވަނީ މަރާލައިފައެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ 35،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 80،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.