ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ދަނީ "ހަގީގަތުގައި ވެސް ގަތުލުއާންމެއް" ކަމަށް ވިދާޅުވެ، ސްޕެއިންގެ ޑިފެންސް މިނިސްޓަރު މަރްގަރިޓާ ރޮބެލްސް އިސްރާއީލަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފިއެވެ.

މި ފަހަކަށް އައިސް އިސްރާއީލާއި ސްޕެއިން އާ ދެމެދުގައި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެ ގުޅުން އެންމެ ބޮޑަށް ގޯސްވެފައި ވަނީ އަންނަ އަންގާރަ ދުވަހު ފަލަސްތިނުގެ ދައުލަތް ބަލައިގަންނާނެކަން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

ޓީވީ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި ސްޕެއިންގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމަށާއި އެކަމާ ދެކޮޅު ނުހެދޭނެ ކަމަށެވެ. އެކަމަކު، މިއީ އިސްރާއީލް ރައްޔިތުންނާ ދެކޮޅަށް ވިދާޅުވާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އެއްވެސް ބަޔަކާ ދެކޮޅަށް (ބުނާ) އެއްޗެއް ނޫން. އަހަރުމެން އިސްރާއީލްގެ ދައުލަތަކާ ދެކޮޅެއް ނޫން. އިސްރާއީލްގެ ރައްޔިތުންނާ ވެސް ދެކޮޅެއް ނޫން. އަހަރުމެން އެމީހުންނަށް އިހްތިރާމް ވެސް ކުރަން،" ސްޕެއިންގެ ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސްޕެއިންގެ ޑިފެންސް މިނިސްޓަރު އެގޮތަށް ވިދާޅުވި އިރު، ސްޕެއިންގެ ޑެޕިއުޓީ މިނިސްޓަރު ޔޮލަންޑާ ޑިއާޒް ވެސް މިދިޔަ ހަފްތާގައި ވިދާޅުވި ގޮތުގައި ޣައްޒާގައި ކުރިއަށް ދަނީ ގަތުލުއާންމެކެވެ.

ފަލަސްތީނުގެ ދައުލަތް 140 ގައުމަކުން ބަލައިގެންފައިވާ ކަމަށް ދާދި ފަހުން އދ އަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އޭގެ ތެރޭގައި އދގެ 22 ގައުމު ހިމެނޭ އަރަބި ޖަމާއަތާއި 57 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ގެ އިތުރުން 120 މެމްބަރުން ހިމެނޭ ނޮން އެލައިންޑް މޫވްމަންޓްގެ މެމްބަރުން ހިމެނެއެވެ. އިނގިރޭސިވިލާތާއި އެމެރިކާ އަކީ ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިނުގަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި މިހާރު ހިންގަމުން ގެންދާ ގަތުލުއާންމުގައި މިހާތަނަށް އައިއިރު، 35،900 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި މި ގަތުލުއާންމުގައި 80،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.