އިންޑިއާގެ ގުޖުރާތުގެ ގޭމިން ޒޯނެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވެއްޖެއެވެ.

ގުޖުރާތުގެ ރާޖްކޮޓްގެ ގޭމިން ޒޯންގައި ހިނގި އަލިފާނުގެ ހާދިސާގައި 12 ކުޑަކުދިންނާއި 15 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗީފް މިނިސްޓަރު ބުޕެންދްރާ ޕަޓޭލް ވަނީ ޒަހަމްވި މީހުންނަށް އަވަސް ފަރުވާ ދިނުމުގެ އިންތިޒާމުތަކަށް އިސްކަން ދިނުމަށް އޮފިޝަލުންނަށް އަންގަވައިފައެވެ.

ހަމައެއާއެކު ރާޖްކޮޓް ޕޮލިސް ކަމިޝަނަރ ރާޖޫ ބާރްގަވާ ވިިދާޅުވީ ގޭމިން ޒޯންގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށާއި މީހުން ސަލާމްކުރުމުގެ މަސައްކަތް ވަގުތުން ކުރިޔަށް ގެންދިޔަ ކަމަށެވެ. އެގޮތުން މިހާތަނަށް ކުޑަކުދިން ހިމެނޭހެން 20 ހަށިގަނޑު އެއްކޮށް އަނދާފައި އޮތްވާ ފެނިފައިވާ ކަމަށާއި އެ ހަށިގަނޑުތައް ފާހަގަކުރުމަށް ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަށިތައް މުޅިން އަނދާފައިވާތީ އެ ހަށިގަނޑުތައް ދެނެގަންނަން އުނދަގޫ،" އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ވިނާޔަކް ޕަޓޭލް ވިދާޅުވިއެވެ.

އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އަލިފާން ރޯވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަލިފާން ނިއްވާލައި މީހުން ސަލާމަތް ކުރަން ދަތިތަކެއް ކުރިމަތިވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ވައިގަދަވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ބައެއް ތަންތަން ވެއްޓި އަލިފާންގަނޑު ނިއްވާލެވުނީވެސް ވަރަށް އުނދަގުލުން ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ފުލުހުން ދަނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި މައްސަލައިގައި އެ ގޭމިންގ ޒޯންގެ ވެރިން ވަނީ ހައްޔަރުކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައި ގިނަ ކުދިން ހިމެނޭހެން މީހުން މަރުވެފައިވާތީ އެކަމާ ހިތާމަ ކުރާ ކަމަށާއި ޒަޚަމްވި މީހުންނަށާއި މަރުވި މީހުންގެ އާއިލާއަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ލޯކަލް އެޑްމިނިސްޓްރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޑިއާގެ ރައީސް ދްރޮޕަދީ މުރުމުވެސް ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔައި ހިތާމަފާޅުކޮށްފައެވެ. އަދި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު