ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް-އަޤްސާ ހޮސްޕިޓަލުގައި ހުރީ އެންމެ ދެ ދުވަހަށް ބޭނުން ކުރެވޭ ވަރުގެ ތެޔޮ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

ޣައްޒާގެ ގިނަ ހޮސްޕިޓަލްތަކަށް ޔަހޫދީންގެ އަނިޔާވެރި ސިފައިން ވަނީ ހަމަލާދީ އެތަންތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ. އަދި ސަލާމަތުން ހުރި ހޮސްޕިޓަލްތަކަށް ވެސް ޔަހޫދީން ދަނީ އެހީތެރިކަން ލިބުމަށް ހުރަސް އަޅަމުންނެވެ. އަޤްސާ ހޮސްޕިޓަލަކީ މިހާރު ޣައްޒާގައި ހުރި ހޮސްޕިޓަލުތަކުގެ ތެރެއިން ފުރިހަމައަށް ހިންގަމުންދާ ހަމައެކަނި ހޮސްޕިޓަލެވެ.

ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާރު ވެސް އެކި ކަންކަމަށް ފަރުވާ ހޯދަމުންދާ 1،300 ބަލިމީހުން އަލް އަޤްސާ ހޮސްޕިޓަލްގައި އެބަ ތިބިއެވެ.

ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަޤްސާ ހޮސްޕިޓަލުގައި މިހާރު ހުރީ ދެ ދުވަހަށް ބޭނުންކުރެވޭ ވަރުގެ ތެލެވެ. އެ ހޮސްޕިޓަލަށް މީގެ ދުވަސްކޮޅެއް ކުދިން 57،000 ލީޓަރުގެ ތެޔޮ ލިބުނެވެ. ނަމަވެސް އެ ތެލުގެ ދެބައި ކުޅައެއް ބަޔަށްވުރެ ގިނައިން މިހާރު ވަނީ ވަނީ ބޭނުންކޮށްފައެވެ.

އަޤްސާ ހޮސްޕިޓަލުގެ އިތުރުން ރަފަހުގައި އޮޕަރޭޓްކުރަމުންދާ ކުވައިތު ހޮސްޕިޓަލުން ވެސް ތެޔޮ ހުސްވާން ގާތްވެފައިވާތީ ތެޔޮ ހޯދަން ވަނީ މަޖުބޫރުވެފައެވެ.

ޣައްޒާގައި ހިދުމަތް ނުހުއްޓި މިހާރު ހިނގަމުން ދަނީ އެންމެ ހަތަރު ހޮސްޕިޓަލެވެ. އެކަމަކު އެ ތަންތަނުން ވެސް ތެޔޮ ނުލިބި ބަންދު ކުރަން ޖެހިދާނެ ކަމުގެ ބިރުވެރިކަން އެބައޮތެވެ. ޔަހޫދީންގެ ހަމަލާތަކުން ޒަހަމްވެފައިވާ ރައްޔިތުން އެ ހޮސްޕިޓަލްތައް ވަނީ ފުރާލާފައެވެ. ތެޔޮ ނުލިބިއްޖެނަމަ އެ ފަރާތްތަކަށް ފަރުވާ ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ފަލަސްތީނުގެ 35،900 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި 80،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.