ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހު ސިޓީގައި އަސްކަރީ އޮޕަރޭޝަންތަކެއް ނުހިންގާ ކަމަށާއި ހަމަލާތަކެއް ވެސް ނުދޭ ކަމަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

މިމަހުގެ 24 ވަނަ ދުވަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ ދުނިޔޭގެ ކޯޓުން ވަނީ އިސްރާއީލުން ރަފާހަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލަން، އެސަރަހައްދުގެ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އަމުރު ކޮށްފައެވެ.

ދުނިޔޭގެ ކޯޓުން މިފަދަ އަމުރެއް ނެރުނު ނަމަވެސް، އިސްރާއީލުން އަންނަނީ މިއަދާއި ހަމައަށް ވެސް ރަފާހުގައި އެމީހުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓުމެއް ނެތި ކުރަމުންނެވެ.

ދުނިޔޭގެ ކޯޓުގެ އަމުރާއި ގުޅިގެން އިސްރާއީލް އަސްކަރިއްޔާގެ އޮފިޝަލަކު "ރޮއެޓާސް" ނޫހަށް ބުނެފައިވަނީ އެ އަމުރަކީ އެއީ "އާންމު" އަމުރެއް ނޫން ކަމަށެވެ. އަދި އިސްރާއީލުން ދުވަހަކު ވެސް ރަފާހުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގާފައި ނުވާނެ ކަމަށާއި އާންމުންގެ އާބާދީ ނައްތާލަން ވެސް މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ.

"ރަފާހުގައި ވެސް އަދި އެހެން ސަރަހައްދެއްގައި ވެސް އަސްކަރީ އޮޕަރޭޝަނެއް ހިންގާފައެއް ނުވާނެ. އަދި ނުވެސް ހިންގާނަން. ޣައްޒާގެ އާބާދީ ހަލާކުވާފަދަ މަސައްކަތެއް ނުކުރަން" އޭނާ ބުންޏެވެ.

އިސްރާއީލް ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ޒަޗީ ހަނެގްބީ ބުނެފައިވަނީ އެމީހުން އެދެނީ ރަފާހުގައި ގަތުލުއާންމެއް ނުހިންގުމަށް ކަމަށާއި އެފަދަ ކަމެއް އިސްރާއީލުން ނުކުރާ ކަމަށެވެ. އަދި ރަފާހުގައި ހިންގަމުން އަންނަ އޮޕަރޭޝަން ނުވަތަ އެހެން ކަންކަން ކުރިއަށްދާނެތޯ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ ބައިނަލްއަގުވާމީ ޤާނޫނުތައް ބުނާ ގޮތުން އަމިއްލައަށް ދިފާއުވުމުގެ ހައްގު އިސްރާއީލަށް އޮތް ކަމަށެވެ. އަދި ކޯޓުން ވެސް އަމިއްލައަށް ދިފާއުވުމަށް ހުރައެއް ނާޅާ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މީހުންތައް ހަމަ އަމިއްލައައް މަރުވަނީ،
    ހުސް ގުދުރަތީ މަރު

  2. ކަށިކެޔޮ އާދަނު

    ހަމަލާދިނުމާއި ސުންނާފަތިކުކުމަކީ އެމީހުންދަންނަވެސްކަމެއްނޫން. އެމީހުންނަކީ އެކަހަލަ ވިޔާނުދާ ގޮޔްކުޑަ އަމަލުތައްހިންގާބައެއްނޫން އަދި ނުވެސްކުރާނެބައެއް!