ނިރުބަވެރި އިސްރާއީލުން ރޭ ވެސް ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓިއާއި ބެއިތް ލާހިޔާގެ އިތުރުން ނުސީރަތް ރެފިއުޖީ ކޭމްޕަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ނިރުބަވެރިން މި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، ދުނިޔޭގެ ކޯޓުން ވަނީ ރަފާހަށް ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އަމުރު ކޮށްފައެވެ. ނަމަވެސް މި އަމުރަށް އިސްރާއީލުން ތަބާވެފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން ވަނީ ރަފާހަށް ދެ ހަމަލާއެއް ދީފައެވެ. ރޭގެ ވަގުތެއްގައި އެއް ހަމަލާދީފައިވާއިރު، މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ އިތުރު ހަމަލާއެއް ވެސް ދީފައެވެ. ނިރުބަވެރިން ރޭ ދިން ހަމަލާގައި ރަފާހުން 6 މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ނިރުބަވެރިން ރަފާހަށް ދިން ދެވަނަ ހަމަލާ އަމާޒުކޮށްފައިވަނީ ރަފާހުގެ މެދުތެރޭގައި އޮންނަ ޔަބްނާ ކޭމްޕަށެވެ. މި ހަމަލާގައި ގިނަ ބަޔަކު ކުވެއިތީ ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ. ނަމަވެސް ހަމަލާގައި އެއްވެސް މީހަކު ޝަހީދުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ރަފާހުގެ އިތުރުން ވެސް ނިރުބަވެރިން ވަނީ ނުސީރަތް ރެފިއުޖީ ކޭމްޕާއި ބެއިތް ލާހިޔާއަށް ހަމަލާދީފައެވެ. ވަފާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރިން މި ހަމަލާދީފައިވަނީ އަސްކަރީ ޖެޓްތަކުން އެސަރަހައްދުތަކަށް ބޮން އަޅައިގެންނެވެ. ނަމަވެސް މި ހަމަލާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކަކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު، ހަމާސް ޖަމާއަތުން އެގައުމާއި ދެކޮޅަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެކެވެ.