ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ އިސްރާއީލްގެ ސިފައިންގެ ބަޔަކު ޣައްޒާގައި ހުރި ބިންގަރާހަކަށް ވަދެ އުޅެނިކޮށް އެ ސިފައިން ހަނދާނުން ނުފިލާވަރުގެ ލަނޑެއް ދީފައިވާ ކަން ފަލަސްތީނުގެ ހައްގުގައި ގުރުބާންވަމުން އަންނަ ހަމާސް ޖަމާއަތުން ރޭ ބުނެފިއެވެ.

ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީން އަލް-ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާގެ ހަތަރު މިނެޓުގެ އޯޑިއޯ މެސެޖްގައި ވިދާޅުވީ ހަމާސް އިން ޣައްޒާގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި އިސްރާއީލްގެ ސިފައިންތަކެއް އަތުލައިގަނެ، އަސީރުންނަށް ހަދާފައިވާ ކަމަށެވެ. ހަމާސްގެ މުޖާހިދުން އެ ސިފައިންނާ ދިމާކޮށްލީ ޣައްޒާގެ އެންމެ އުތުރުގައި އޮންނަ ޖަބަލިއާ ކޭމްޕް ސަރަހައްދުގައި ހުރި ބިންގަރާހެއްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަބޫ އުބައިދާ ވިދާޅުވި ގޮތުގައި، އިސްރާއީލް ސިފައިން އެ ބިންގަރާސް ތެރެއަށް ވަނުމާ އެކު، އެމީހުން ވަތް ދިމާ ބައްދާލީއެވެ. އޭގެ ފަހުގައި، އެ ސިފައިންނަށް ހަމަލާދީފައިވާނެ ކަމަށާއި އޭގެ ތެރޭގައި މަރާލި މީހުންނާއި ޒަހަމްވި މީހުންނާއި އަސީރުންނަށް ހެދި ސިފައިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ކުއްލި މި ހަމަލާގައި މަރާލި ސިފައިންނާއި ޒަހަމްކޮށްލި ސިފައިންނާއި އަސީރުންގެ ގޮތުގައި ގެންދިޔަ ސިފައިންގެ އަދަދެއް އަބޫ އުބައިދާ ހާމައެއް ނުކުރައްވައެވެ.

އޭގެފަހުން، ހަމާސް އިން ހާމަކުރި ވީޑިއޯއެއްގައި ހަމާސްގެ ބިންގަރާހެއްގެ ތެރޭގައި އިސްރާއީލް ސިފައިންގެ މީހަކު މަރާލުމަށް ފަހު، އެމީހާ ދަމާފައި ގެންދާ ވީޑިއޯއެއް އާންމުކުރިއެވެ. އަދި އިސްރާއީލް ސިފައިންގެ މީހުންގެ އަތުން އަތުލައިގަތް ހަތިޔާރުތައް ވެސް ދައްކާލައެވެ.

ހަމާސް އިން މިގޮތަށް ބުނިތާ ފަސް މިނެޓެއްހާއިރުގެ ތެރޭގައި އެކަމުގެ ތެދު، ދޮގު ބެލުމެއް ނެތި އިސްރާއީލުން އަސްކަރިއްޔާ އިން ވަނީ މިކަން ދޮގުކޮށްފައެވެ. އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވަނީ އިސްރާއީލް ސިފައިންގެ ބަޔަކު ރަހީނު ކުރި ހާދިސާއެއް ޣައްޒާގައި ހިނގާފައި ނުވާ ކަމަށެވެ.

އަބޫ އުބައިދާ ވިދާޅުވީ އިސްރާއީލް ސިފައިން ބަދަލު ހިފަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެމީހުންގެ ކޮންމެ ކަމެއް ވަނީ ފެއިލް ކަމަށެވެ. އަދި ޖަބަލިއާ ސަރަހައްދާއި ރަފަހްގައި އިސްރާއީލުން ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންތައް ވެސް ފެއިލްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ފަލަސްތީނުގެ މުޖާހިދުން އިސްރާއީލްގެ ސިފައިންނަށް އަމާޒުކޮށް އެތައް ހަމަލާއެއް ދީފައިވާނެ ކަމަށް ވެސް އަބޫ އުބައިދާ ވިދާޅުވިއެވެ.

އަބޫ އުބައިދާ ވިދާޅުވި ގޮތުގައި އިސްރާއީލް ސިފައިން މިހާރު ކުރަމުން އަންނަ ކަމަކީ އަސީރުންގެ ގޮތުގައި ޣައްޒާ އަށް ގެނައި މީހުންގެ ތެރެއިން ބާކީ ތިބި މީހުންގެ ފުރާނަ ނެތް މަސްގަނޑުތައް ހޯދުމެވެ. އެ އަސީރުން ވެސް މަރުވެފައިވަނީ އިސްރާއީލްގެ ހަމަލާތަކުގައި ކަމަށް އަބޫ އުބައިދާ ކުރިން ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހަށިގަނޑުތައް އިސްރާއީލްގެ އަސްކަރިއްޔާ އިން ހޯދުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރަމުންދާ ކަމަށެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދިނުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އެގޮތުން ބަދަލު ހިފުމަށް ޣައްޒާގެ އެކި ސަރަހައްދުތަކަށް އަންނަނީ ހަމަލާތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސް

    ދީނާ ޤައުމުގެ ހައްގުގައި ޖިހާދު ކުރަމުންދާ ފަލަސްތީނުގެ އެންމެހާ މުޖާހިދުންނަށް ނަސްރާއި ކާމިޔާބު މިންވަރު ކޮށްދެއްވާ، ދުޝްކިނުންގެ މައްޗަށް ގަދަފަދަވެގެންވާ ސިންގާތަކެއްފަދައިން ލައްވާންދޭ އާމީން

    188
    0
    • އާމީން

      އާމީން