ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލްގެ ވެރިރަށް ތެލް އަވީވް އަށް ދިން ރޮކެޓް ހަަމަލާތަކުގައި އެ ސަރަހައްދުގެ ގެއަކަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހަމަލާތައް ފޮނުވާފައި ވަނީ ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ ޤަސާމް ބްރިގޭޑްސް އިންނެވެ.

އެ ޖަމާއަތުން ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން އިސްރާއީލުގެ ސިޓީއަށް ބޮޑު މިސައިލް ބެރޭޖަކުން ބޮން އެޅީ އާންމުންނާ ދެކޮޅަށް ނިރުބަވެރިން ހިންގާ ޖަރީމާތަކާއި ގުޅިގެން ކަމަށެވެ.

އިސްރާއީލުގެ މީޑިއާތަކުން ބުނީ އެ ގައުމުގެ މެދުތެރެއާ ދިމާލަށް ރަފަހް އިން ފޮނުވާލި ރޮކެޓް ހަމަލާތަކުގައި ހަރްޒްލިއާގެ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ވީޑިއޯއިން ފެންނަނީ އެ އިމާރާތުގެ ތެރެއަށް ރޮކެޓްގެ ބައެއް ވެއްޓި ކޮޓަރިއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ތަނެވެ.

އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް)އިން ބުނީ ޣައްޒާގެ ދެކުނުގެ ރަފަހް ސަރަހައްދުން ތެލްއަވީވްއަށް އަށް ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ.

އައިޑީއެފް އިން ބުނީ އެ އަށް ރޮކެޓް ބޯޑަރު ހުރަސްކުރި ކަމަށާއި އޭގެ ތެރެއިން ގިނަ ރޮކެޓްތައް ވައްޓާލީ ވައިގެ ދިފާއީ ބާރުތަކުން ކަމަށެވެ.

މީގެ ކުރިން ބުނެފައި ވަނީ 10 ވަރަކަށް ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ.

މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މިޑިއާ ރިޕޯޓްތައް ބުނާއިރު، މެޖެން ޑޭވިޑް އަޑޮމް އެމްބިއުލާންސް ސާވިސް އިން ބުނީ މި ހަމަލާތަކުގައި ގުޅިގެން ބޮމުގެ ހިޔާތަކަށް ދުވަމުން ދަނިކޮށް ވެއްޓި ކުޑަ އަނިޔާއެއް ލިބުނު ދެ އަންހެނަކާއި އެކިއުޓް އެންޒައިޓީއަށް ފަރުވާ ދިން އިތުރު އެތައް އަންހެނަކު ފިޔަވާ އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.