ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ހިތްވަރު ގަދަ މުޖާހިދުން މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލް އަށް އަރައި ރަހީނުކުރި ޔަހޫދީ އަސީރުން މިނިވަން ކުރުމަށް އައު ޑީލަކާއި ދޭތެރޭ މަޝްވަރާ ކުރަމުންދާ ކަމަށް ޔަހޫދީ އިސްރާއީލްގެ ހަނގުރާމައިގެ ކެބިނެޓް އިން ބުނެފިއެވެ.

ހަމާސް ޖަމާއަތުން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ރަހީނުކޮށްފައި ތިބި އިސްރާއީލްގެ އަސީރުންގެ ތެރެއިން 100 އަސީރުން މިހާރު މިނިވަން ކޮށްފައެވެ. އަދި ޔަހޫދީންގެ 120 އަސީރުން ޣައްޒާގައި އަދިވެސް ތިބި ކަމަށް އިސްރާއީލްގެ ސަރުކާރުން ވަނީ ބުނެފައެވެ.

އަސީރުން މިނިވަން ކުރުމުގެ މަރުހަލާ މުޅިން ހުއްޓިފައި ވަނީ މި ދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހު ހަމަވި ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމުގެ 6 ދުވަހުގެ އެއްބަސްވުމަށް ފަހު އެވެ. އެ ފަހަރު ހަމާސް ޖަމާއަތުން ވަނީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ 105 އަސީރުން މިނިވަން ކޮށްފައެވެ.

އަސީރުން މިނިވަން ކުރުމުގެ މަޝްވަރާތަކާއި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް ނާދެވިގެން އުޅޭ ސަބަބާއި މެދު ހަމާސް ޖަމާއަތާއި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އާއި ދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައެވެ.

ހަމާސް ޖަމާއަތުން ވަނީ ސުލްހައިގެ އެއްބަސްވުމަކަށް ނާދެވުނީ ޔަހޫދީ އިސްރާއީލްގެ ސަބަބުން ކަމަށް ބުނެފައެވެ. އަދި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތުން ބުނެފައިވަނީ ހަމާސްގެ ޑިމާންޑްތަކަކީ ހަމަޖެހޭ ޑިމާންޑްތަކެއް ނޫން ކަމަށާއި އެ ޑިމާންޑްތަކަށް އެއްބަސްވެވެން ނެތް ކަމަށެވެ.

އޭއެފްޕީ ނިއުސް އިން މައުލޫމާތުދޭ ގޮތުގައި ޔަހޫދީންގެ ސަރުކާރުގެ ހަނގުރާމައާ ބެހޭ ކެބިނެޓް އިން މިރޭ އަސީރުން މިނިވަން ކުރުމާއި ބެހޭ ގޮތުން އިތުރު ޑީލަކާއި މެދު މަޝްވަރާކުރަން ބައްދަލުކުރާނެއެވެ.