ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ހަމަލާއެއް ދީފައިވާނެ ކަމަށް ލުބުނާންގެ ދެކުނުގައި ހަރަކާތްތެރިވަމުން ހިޒްބުﷲ ޖަމާއަތުން ބުނެފިއެވެ.

މިއަދު ހެދުނު ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އުތުރުގެ ސަރަހައްދުތަކުގައި ވަނީ ހަމަލާއެއް އަންނާތީ އަޅާ ސައިރެން އަޅާފައި ކަމަށް އިސްރާއީލްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ހިޒްބުﷲ ޖަމާއަތުން މިހާރު ވަނީ ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާގެ ތަފްސީލު އެ ޖަމާއަތުން މީސް މީޑިއާގެ ޕުލެޓްފޯމް ޓެލެގުރާމް ގައި ހިންގާ ޗެނަލްގައި ހާމަކޮށްފައެވެ.

ހިޒްބުﷲ ޖަމާއަތުން މިއަދު ހަމަލާދީފައި ވަނީ އިސްރާއީލާއި ލުބުނާން ގުޅޭ ބޯޑަރު ސަރަހައްދުގެ މެދުތެރޭގައި ހުންނަ އިސްރާއީލްގެ އަސްކަރިއްޔާގެ އަލް އަބަދް އަސްކަރީ މަރުކަޒަށެވެ. މި މަރުކަޒަކީ އިސްރާއީލްގެ އަސްކަރިއްޔާގެ ޓެކްނިކަލް ސިސްޓަމްތަކެއް ޤާއިމް ކޮށްފައިވާ މަރުކަޒެއް ކަމަށް ހިޒްބުﷲ ޖަމާއަތުން ވަނީ ބުނެފައެވެ. މި ހަމަލާގައި އެ އަސްކަރީ މަރުކަޒުގެ ޤާއިމް ކޮށްފައިވާ ޓެކްނިކަލް ސިސްޓަމް އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށް ހިޒްބުﷲ ޖަމާއަތުން ވަނީ ބުނެފައެވެ.

މިއަދު ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވެސް ވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަކޯރޯއަށް ޑުރޯން ހަމަލާއެއްދީފައި ކަމަށާއި މި ހަމަލާގައި ލުބުނާނުން އެކަކު މަރުވެފައިވާ ކަމަށް ލުބުނާންގެ ދައުލަތުގެ މީޑިއާ ނޭޝަނަލް ނިއުސް އެޖެންސީ އިން ވަނީ ރިޕޯޓްކޮށްފައެވެ.