ޕަޕުއާ ނިއުގިނީގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 670 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ.ގެ މައިގްރޭޝަން އެޖެންސީން އަންދާޒާކޮށްފިއެވެ.

ހުކުރު ދުވަހުގެ ފަތިހު 3:00 އެހާކަންހާއިރު އެންގާ ޕްރޮވިންސްގެ އެކަހެރި ސަރަހައްދަކަށް މި ކާރިސާގެ ހާލަތު ކުރިމަތިވީ ގިނަ ބަޔަކު ގޭގައި ނިދާފައި ތިއްބާއެވެ.

އޮސްޓްރޭލިއާގެ އުތުރުގައި އޮންނަ ދެކުނު ޕެސިފިކް އެ ގައުމުގެ މީޑިއާތަކުން މީގެ ކުރިން ވަނީ ހުކުރު ދުވަހު ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 300 އަށް ވުރެ ގިނަ މީހުން ދިރިހުއްޓާ ވަޅުލެވިފައިވާ ކަމަށް އަންދާޒާކޮށްފައެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން މީގެ ކުރިން އާދީއްތަ ދުވަހު ބުނެފައި ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން ފެނިފައި ވަނީ އެންމެ ފަސް މީހެއްގެ ހަށިގަނޑު ކަމަށެވެ.

ޕަޕުއާ ނިއުގިނީގައި ހުންނަ އެ އެޖެންސީގެ މިޝަންގެ ޗީފް ސެރްހާން އަކްޓޮޕްރަކް އީމެއިލް ސްޓޭޓްމަންޓެއްގައި ވިދާޅުވީ އެ އެޖެންސީން މަރުވި މީހުންގެ އަދަދު އަންދާޒާކޮށްފައިވަނީ އެންގާ ޕްރޮވިންސްގެ ޔަމްބަލީ ވިލެޖްގެ އޮފިޝަލުން ދިން މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑުން ބުނީ ވެރިރަށް ޕޯޓް މޮރެސްބީއާ ގާތްގަނޑަކަށް 600 ކިލޯމީޓަރު ދުރުގައި އޮންނަ ޕްރޮވިންސްގެ މުލިޓަކާ ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހަ އަވަށަކަށް އަސަރުކޮށްފައިވާ ކަމަށެވެ.

"ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އަދިވެސް ދަނީ ހިނގަމުން، ގާތައް ވެއްޓެމުން އެބަދޭ، ޕްރެޝަރު ބޮޑުވުމުގެ ސަބަބުން ބިންގަނޑު ފަޅައިގެން ދަނީ، އެހެންކަމުން އެ ސަރަހައްދަކީ އެންމެންނަށްވެސް ވަރަށް ބޮޑު ނުރައްކަލެއް،". އަކްޓޮޕްރަކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު