ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް ހަމަލާދީ ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތަކު ޝަހީދުކޮށްލައިފި ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން ބުނެފިއެވެ.

ފަލަސްތީނުގެ ޣައްޒާގެ ރަފަހްގެ މެދުތެރޭގައި ހުރި އާންމުން ދިރިއުޅޭ އިމާރާތަކަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދިން މި ހަމަލާގައި ފަލަސްތީނުގެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ދައުލަތުގެ ޓީވީ ވަފާ އިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ޒަހަމްވެފައިވާ މީހުން މިހާރު ޣައްޒާގެ ރަފަހްގައި ހުންނަ ކުވައިތީ ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ވެސް ވަފާ ނިއުސް އިން ވަނީ ރިޕޯޓް ކޮށްފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ރޭގައި ވަނީ ރަފަހް އަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާގެ ރަފަހް އިން ވަނީ 6 މީހުން ޝަހީދުކޮށްލާފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ތުއްތު ކުއްޖެއް ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އިން ވަނީ މައުލޫމާތުދީފައެވެ.

މިދިޔަ ހުކުރު ދުވަހު ދުނިޔޭގެ ކޯޓުން ވަނީ ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ޔަހޫދީ އިސްރާއީލަށް އަމުރުކޮށް ހުކުމް ކޮށްފައެވެ. ނަމަވެސް ދުނިޔޭގެ ކޯޓުގެ އަމުރަށް ގޮށް ޖަހައި ޔަހޫދީން ވަނީ ރަފަހް އަށް ދެމުން ގެންދާ ހަމަލާތައް ކުރިއަށް ވުރެ ވަރުގަދަ ކޮށްފައެވެ.