ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ގިނަ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުންތަކެއް ހައްޔަރުކޮށްފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހައްޔަރުކުރާ ފަލަސްތީނުގެ ރައްޔިތުންގެ މައުލޫމާތު އެއްކޮށް ޖަމާކުރާ ދެ ޖަމިއްޔާ ކަމަށްވާ ކޮމިޝަން އޮފް ޑީޓައިނީސް އެންޑް އެކްސް ޑީޓައިނީސް އެފެއާޒްސް އަދި ދަ ޕަލަސްޓީނިއަން ޕުރިޒަނާސް ސޮސައިޓީން ބުނެފައިވާ ގޮތުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިއަދު ހުޅަނގު އައްސޭރީގައި ކުރިއަށް ގެންދިޔަ ރެއިޑްތަކުގައި ފަލަސްތީނުގެ 20 ރައްޔިތުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޔަހޫދީންގެ އަސްކަރިއްޔާ އިން ހުޅަނގު އައްސޭރީގައި ކުރިއަށް ގެންދިޔަ މި ރެއިޑްތަކުގައި ފަލަސްތީނުގެ ރައްޔިތުން ޔަހޫދީންގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުން ހިނގާފައިވާ ކަމަށާއި ބައެއް މީހުންނަށް ޔަހޫދީން އަނިޔާކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ކޮމިޝަން އޮފް ޑީޓައިނީސް އެންޑް އެކްސް ޑީޓައިނީސް އެފެއާޒްސް އަދި ދަ ޕަލަސްޓީނިއަން ޕުރިޒަނާސް ސޮސައިޓީން ވަނީ ބުނެފައެވެ.

މިއަދުގެ ވަގުތުތަކުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހުޅަނގު އައްސޭރީގައި ރެއިޑްތައް ހިންގާފައި ވަނީ ރާމުއްﷲ ، ހެބްރޮން ، ބެތްލެހެމް ، ނަބްލުސް އަދި ޖެނިން ސަހަރު ގައެވެ. މީގެ އިތުރުން ޔަހޫދީން ވަނީ ޖުރޫސަލަމްގައި ވެސް ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ރެއިޑް ތައް ކުރިއަށް ގެންގޮސްފައެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ފެށުނީންސުރެ މިހާތަނަށް ހުޅަނގު އައްސޭރިން 8،875 ފަލަސްތީނުގެ ރައްޔިތުން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ހައްޔަރުކޮށްފައެވެ.