ގަތަރުގެ ވެރިރަށް ދޯހާއިން އަޔަލޭންޑްގެ ވެރިއަށް ޑަބްލިންއަށް ދަތުރުކުރި ގަތަރް އެއާވޭސްގެ ފްލައިޓަކަށް ބާރުގަދަ ލޮޅުންގަނޑެއް އަރާ ސަބަބުން 12 މީހަކަށް އަނިޔާވެއްޖެއެވެ.

ޑަބްލިން އެއާޕޯޓުގެ އޮޕަރޭޓަރ (ޑީއޭއޭ) އިން ބުނީ ބޮއިން 787-9 ޑްރީމްލައިނާ އަށް ބާރުގަދަ ލޮޅުންގަނޑެއް އެރީ ތުރުކީގެ މަތިން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

ގަތަރު އެއާވޭސްގެ ފްލައިޓް ކިއުއާރް ޖެއްސުމާ އެކު އެއާޕޯޓު ފުލުހުންނާއި ފަޔާ އޮފިސަރުން ހިމެނޭ ގޮތަށް އިމަޖެންސީ ސާވިސަސް އިން އެ ސަރަހައްދަށް ގޮސް އެހީތެރިވުމުގެ މަސައްކަތް ފަށައިފައެވެ.

މި ހާދިސާގައި ހަ ފަސިންޖަރުންނާއި ހަ ފަޅުވެރިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ބީބީސީން ރިޕޯޓްކޮށްފައި ވެއެވެ.

"ޑަބްލިން އެއާޕޯޓުގެ ޓީމުން ދަނީ ފަސިންޖަރުންނާއި އެއާލައިންގެ މުވައްޒަފުންނަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުން،" ޑީއޭއޭގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

އަދި އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ޑީއޭއޭ އިން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ ސިންގަޕޫރަށް ދަތުރުކުރި ފްލައިޓަކަށް ބާރުގަދަ ލޮޅުންގަނޑެެއް އަރާ އުމުރުން 73 އަހަރުގެ އިނގިރޭސި ފިރިހެނަކު މަރުވި ފަހުންނެވެ. އެ ހާދިސާގައި ގިނަބަޔަކަށް ބޮޑެތި އަނިޔާތަކެއްވެސް ލިބުނެވެ. އެގޮތުން 100 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނުއިރު، މައިބަދައަށް ލިބުނު ގެއްލުންތަކާއި ގުޅިގެން 20 މީހަކަށް އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ސިންގަޕޫރުގެ ސަރުކާރުން ވަނީ މި ހާދިސާއާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ވިދާޅުވެފައެވެ.