ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލް ވައިގެ ހަމަލާތަކުން ސަލާމަތްކުރުމަށް އެ ގައުމުން އުފައްދާފައިވާ އަޔަން ޑޯމް އަށް މިއަދަކީ ބުރަ ދުވަހެއް ކަމަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުން ރަފަހް އިން އިސްރާއީލްގެ ވެރި ރަށް ތެލް އަވީވް އަށް އަމާޒުކޮށް މިއަދު ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށެވެ. ނަމަވެސް އިސްރާއީލްގެ އަޔަން ޑޯމް ވައިގެ ދިފާއީ ނިޒާމުން ވަނީ އެ ހަމަލާ ނާކާމިޔާބު ކޮށްލާފައި ކަމަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެއެވެ.

ޔަހޫދީންގެ އަސްކަރިއްޔާގެ އަޔަން ޑޯމް ވައިގެ ދިފާއީ ނިޒާމަކީ އިސްރާއީލަށް އަމާޒުކޮށް އަންނަ މިސައިލްތަކާއި، ރޮކެޓް އަދި ޑުރޯންތައް އިސްރާއީލާއި ވަރަށް ދުރުން ދެނެގަތުމުގެ ޤާބިލްކަން ލިބިފައިވާ ވައިގެ ދިފާއީ ނިޒާމެކެވެ.

އަޔަން ޑޯމްގައި ހަރުކޮށްފައި ހުންނަ ރާޑަރުތަކުން އިސްރާއީލާއި ދިމާލަށް އަންނަ ރޮކެޓާއި މިސައިލްތަކުގެ ސުޕީޑް ދެނެގަނެއެވެ. އަދި އެ ރޮކެޓް ނުވަތަ މިސައިލް ދަތުރުކުރާ މިސްރާބް ވެސް ދެނެގަނެއެވެ. އެއަށްފަހު އިސްރާއީލްގެ އަސްކަރިއްޔާގެ އަޔަން ޑޯމްގެ ކޮންޓްރޯލް ސެންޓަރުން އެ ރޮކޮޓް ނުވަތަ މިސައިލަކީ އިސްރާއީލަށް ނުރައްކާ އެއް ކޮށްފާނެ އެއްޗެއްތޯ ބަލައެވެ. އަދި އެއީ އިސްރާއީލަށް ނުރައްކާ ކޮށްފާނެ ރޮކެޓް ނުވަތަ މިސައިލެއް ނަމަ އެ ވައްޓާލުމަށްޓަކައި އިސްރާއީލުގެ އަޔަން ޑޯމް އިން މިސައިލް ފޮނުވާލައެވެ. އަދި އިސްރާއީލުގެ އެއްވެސް އަވަށަކަށް ނުވަތަ ސަހަރަކަށް އަމާޒުނުވާނެ ރޮކެޓާއި މިސައިލްތައް ހުސް ބިންތަކަށް ވެއްޓެށް ދޫކޮށްލައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނާ ގޮތުގައި މި ވައިގެ ނިޒާމަކީ 90 އިންސައްތަ ހަމަލާތައް ކާމިޔާބު ކަމާއި އެކީ ނެތިކޮށްލާ މޮޅު ސިސްޓަމެއް ކަމަށެވެ. އެމެރިކާގެ އަސްކަރީ އޮފިޝަލުން ވެސް ވަނީ އިސްރާއީލްގެ އަޔަން ޑޯމް ވައިގެ ނިޒާމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ހިތްވަރުގަދަ މުޖާހިދުން ވަނީ އިސްރާއީލްގެ ނަން މަޝްހޫރު އަޔަން ޑޯމް ވައިގެ ނިޒާމް ފެއިލް ކޮށްލާފައެވެ.