މިއަދު ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން ވަނީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ ވެރި ރަށް ތެލް އަވީވް އަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހަމާސް ޖަމާއަތުގެ ހަމަލާ ނާކާމިޔާބު ކޮށްލި ކަމަށް ބުނެފައިވީ ނަމަވެސް އިސްރާއީލްގެ ވެރި ރަށް ތެލް އަވީވްގެ ބޮޑު ސަރަހައްދުތަކުގެ އިތުރުން ޔަހޫދީ އިސްރާއީލްގެ ހެރްޒެލިއާ އަދި ޕެޓަހް އަށް ވެސް ރޮކެޓްތައް އަމާޒުވެފައިވާ ކަމަށާއި އަދި އެ ސަރަހައްދުތަކަށް ގެއްލުން ވެސް ލިބިފައިވާ ކަމަށް އަލް ޖަޒީރާ އިން ވަނީ ރިޕޯޓްކޮށްފައެވެ.

އަސްކަރީ މާހިރުން ދެކިލައްވާ ގޮތުގައި މިއީ އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ ބަޖެޓެއް އޮންނަ ބޮޑު އަސްކަރިއްޔާ އެއް ކަމަށްވާ ޔަހޫދީ އިސްރާއީލް ފެއިލްވުން ކަމަށެވެ. އެއީ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން މޮޅެތި ހަތިޔާރުތަކާއި އެކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި ދެކޮޅަށް ހަނގުރާމަ ކުރާތާ 228 ދުވަސް ވެފައިވާ އިރުވެސް ހަމާސް ޖަމާއަތުގެ އަތުގައި ޔަހޫދީ އިސްރާއީލްގެ އެތެރޭގައިވާ ސިޓީތަކަށް ހަމަލާދިނުމުގެ ޤާބިލްކަން ހުރިކަން މި ހަމަލާއިން ހާމަވެގެން ދިޔުމުންނެވެ.

އަލްޖަޒީރާގެ މެދުއިރު މަތީގެ ކަންކަމާއި ބެހޭ މާހިރެއް ކަމަށްވާ އިމްރާން ޚާން ވިދާޅުވެފައި ވަނީ މިއަދު ހަމާސް ޖަމާއަތުން އިސްރާއީލްގެ ވެރި ރަށް ތެލް އަވީވް އަށް ރޮކެޓްގެ ފުރަތަމަ ވާރޭ އޮށްސާލި ވަގުތު އިސްރާއީލްގެ އެއްވެސް ރައްޔިތަކު އެއީ ހަމާސްގެ ހަމަލާއެއް ކަމަށް ޤަބޫލެއް ނުކުރެއެވެ. އެންމެން ވެސް ހީކޮށްގެން ތިބީ މިއީ ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން ދިން ހަމަލާއެއް ކަމަށެވެ. އެއީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން އިސްރާއީލްގެ ރައްޔިތުންނަށް ވިސްނައިދީފައި ވަނީ އެ ގައުމުގެ އަސްކަރިއްޔާ އިން ޣައްޒާގައި ކުރަމުންދަނީ ވަރަށް ކާމިޔާބު ހަނގުރާމަ އެއް ކަމަށާއި މި ހަނގުރާމައިގައި ހަމާސް ޖަމާއަތުގެ އަސްކަރީ ޤާބިލްކަން މުޅީން ނެތިކޮށްލެވިއްޖެ ކަމަށެވެ.

ނަމަވެސް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ދޮގުތައް ފަޅާ އަރާފައިވާ ކަމަށާއި މިކަމުގެ ސަބަބުން އިސްރާއީލްގެ އަސްކަރިއްޔާ އަށާއި ސަރުކާރަށް އިސްރާއީލްގެ އާންމު ރައްޔިތުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވަމުންދާ ކަމަށް ވެސް އަލް ޖަޒީރާގެ މާހިރު އިމްރާން ޚާން ވިދާޅުވިއެވެ.

ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ސިޔާސީ ގޮތުން ދެން އޮތީ ކަޅު ދުވަސްތަކެއް ކަމަށް ވެސް އަލް ޖަޒީރާގެ މެދުއިރުމަތީގެ ކަންކަން ދިރާސާ ކުރައްވާ މާހިރު އިމްރާން ޚާން ވަނީ ވިދާޅުވެފައެވެ.