ތެޔޮ ނުލިބި ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލްތަކުގައި ބަލި މީހުން ތިބީ ރިސްކެއްގައި ކަަމަށް ޣައްޒާގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔާ ބުނެފިއެވެ.

އެ ނޫސްވެރިޔާ ބުނެފައިވާގޮތުގައި ބެލެވޭ ގޮތުގައި 200 ޓްރަކް މިއަދު ޣައްޒާއަށް ވަންނާނެއެވެ. އޭގެ ތެރޭގައި ހަތަރު ޓްރެކްގެ ތެޔޮ ހިމެނެއެވެ.

ނަމަވެސް މިހާތަނަށް ކަރެމް އަބޫ ސަލީމް (ކެރެމް ޝަލޯމް) ހުރަސްކުރި ސަރަހައްދުން އެއްވެސް އެއްޗެއް އަދި ޣައްޒާއަށް ވަދެފައެއް ނުވާ ކަމަށް އެ ނޫސްވެރިޔާ ބުނެފައި ވެއެވެ.

އޭނާ ބުނެފައިވާގޮތުގައި ޚާން ޔޫނުސްގައި މިއަދު ދެ އެއާ ޑްރޮޕް މެދުވެރިކޮށް ތަކެތި ލިބުނު މަންޒަރާއި، ބަނދަރުގެ ދަތުރުތައް އަލުން ފެށި ނަމަވެސް މިހާތަނަށް ކަރެމް އަބޫ ސަލީމް މެދުވެރިކޮށް އެއްވެސް އެއްޗެއް ލިބިފައެއް ނުވެއެވެެ.

އަލްއަގްސާ ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސް އިން ބުނީ އިތުރު ތެޔޮ ނުލިބޭ ކަމަށާއި އެ ހޮސްޕިޓަލުގައި ހުރި އެއްޗަކީ ހަމައެކަނި މާދަމާއަށް ފުދޭ ވަރަކަށް ހުރި ތެޔޮ ކަމަށެވެ. އަލްއަގްސާ ހޮސްޕިޓަލުގައި ތިބި އެތައް ސަތޭކަ ބަޔަކު މަރުވުމުގެ ނުރައްކާ އެބައޮތް ކަމަށްވެސް އޮފިޝަލުން ބުނެފައި ވެއެވެ.

ޣައްޒާގައި އަދިވެސް އިތުރު ހަތް ހޮސްޕިޓަލެއް ހިންގަމުން އަންނައިރު، އެ ހޮސްޕިޓަލްތައް ވެސް ހިންގަމުން ގެންދިއުމަށް ތެޔޮ ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކޮށްެލެވެއެވެ.