ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދީފައިވާ ތިން ހަމަލާއެއް ތަހުގީގު ކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)އަށް ގޮވާލައިފިއެވެ.

އެމްނެސްޓީން ގޮވާލާފައިވަނީ ނިރުބަވެރި އިސްރާއީލުން މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ޣައްޒާއަށް ދިން ހަމަލާއެއް ތަހުގީގު ކުރުމަށެވެ. މި ތިން ހަމަލާގައި ފަލަސްތީނުގެ 44 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 32 ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެމްނެސްޓީން ވަނީ ބުނެފައެވެ.

ނިރުބަވެރިންގެ މި ތިން ހަމަލާގެ ތެރެއިން އެއް ހަމަލާއަކީ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ޣައްޒާގެ މަޣާޒީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަކާއި ރަފާހުގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް އެމަހުގެ 19 އަދި 20 ވަނަ ދުވަހު ހަމަލާއެވެ. މަޣާޒީ ކޭމްޕަށް ދިން ހަމަލާގައި ފުޓްބޯޅަ ކުޅެން ތިބި ގިނަ އަދަދެއްގެ ކުދިން ވަނީ ޝަހީދުވެފައެވެ.

އަމްނެސްޓީން ބުނެފައިވަނީ މި ތިން ހަމަލާގައި ވެސް އަސަރުކޮށްފައިވާ ތަންތަނުގައި ނުވަތަ އެތަންތަނާއި ކައިރިން އަސްކަރީ އެއްވެސް އަމާޒުތަކެއް ހުރިކަމުގެ ހެއްކެއް އަދި ލިބިފައި ނުވާ ކަމަށެވެ. އަމްނެސްޓީން ތުހުމަތު ކުރާ ގޮތުގައި މި ހަމަލާއަކީ ސީދާ ރައްޔިތުންނަށް އަމާޒުކޮށްފައިވާ ހަމަލާއެކެވެ.

"އިސްރާއީލުގެ ބޮޑުވަޒީރު ހިމެނޭ ގޮތަށް އިސްރާއީލާއި ހަމާސް ޖަމާއަތުގެ އިސް އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރަކަށް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރު އެދިފައިވާއިރު، އިސްރާއީލުން ޤާނޫނުތަކާއި ހިލާފަށް ދިން ހަމަލާތަކުގެ މުހިންމު ހެކިތަކެއް އަޅުގަނޑުމެންނަށް ވަނީ ލިބިފަ. އިސްރާއީލުން ރަފާހަށް އުޅަނދުތައް ގެނެސް، އިތުރު ކުރަމުންދާއިރު، މިކަމުން އެނގިގެންދަނީ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭކަން" އެމްނެސްޓީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުވަދު

    ތިއިން އެކްމެއްވެސް ނުބެލޭނެ. ސަބަބަކީ ތިތާ ތިތިބީ ޔަހޫދީން ނޫނީ އެމީހުން ބުނާހާ ގޮތަކަށް ކަންކަން ކުރާމީހުން. ކަލޭމެން އެވާހަކަ ނުދެއްކިޔާ ރަނގަޅުވާނީ.