ދުނިޔޭގައި އެންމެ ގިނަ ދުވަހު ކެބިން ކުރޫއެއްގެ ގޮތުގައި މަސައްކަތް ކުރި ކަމުގެ ރެކޯޑް ހަދާފައިވާ ބެޓީ ނާޝް މަރުވެއްޖެއެވެ.

އެމެރިކަން އެއާލައިންސްގައި ކެބިން ކުރޫއަކަށް އުޅުނު އުމުރުން 88 އަހަރުގެ ބެޓީ މަރުވީ މިމަހު 17 ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން އެ އެއާލައިނުން ނެރުނު މެމޯއެއްގައި ބުނީ ބެޓީ މަރުވީ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށާއި އޭނާ ވަކިވުމަކީ އެމެރިކަން އެއާލައިންސަށް ލިބޭ ވަރަށް ބޮޑު ފަޅު ކަމެއް ކަމަށެވެ.

ބެޓީ ވަނީ 67 އަހަރު ކެބިން ކުރޫއަކަށް މަސައްކަތްކޮށް ދުނިޔޭގެ ރިކޯޑް މުގުރާލާފައެވެ. 1957 އަހަރު ދާއިރާއަށް ނުކުތް ބެޓީ އެންމެ ފުރަތަމަ އުޅުނީ އީސްޓަން އެއާލައިންސްގައެވެ. 1990ގައި އެމެރިކަން އެއާލައިންސްއިން ވަނީ އީސްޓަން އެއާލައިންސް ގަނެ ދެ އެއާލައިން އެއްކޮށްލައިފައެވެ. އޭގެ ފަހުން ބެޓީ މަސައްކަތް ކުރަމުން ދިޔައީ އެމެރިކަން އެއާލައިންސްގައެވެ.

ކެބިން ކްރޫއެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރި އަންހެނާގެ ރެކޯޑް ގިނިސް ވޯލްޑް ރެކޯޑުން ބެޓީ އަށް ދިނީ 2022 ގައެވެ.

އެމެރިކަން އެއާލައިންސްގައި މަސައްކަތް ކުރާ ކެބިން ކުރޫ އިން މަޤާމުން ރަސްމީކޮށް ދުވަހަކު ވެސް ރިޓަޔާ ނުކުރި ނަމަވެސް ދާދި ފަހުން އުރަމަތީގެ ކެންސަރު ޖެހިފައިވާކަން އެނގުމުން ފަރުވާދެމުން ދަނިކޮށް މަރުވި ބެޓީ ނޭޝްގެ ޑައުން ސިންޑްރޯމް ހުންނަ ދަރިފުޅެއް ހުރެއެވެ. އެހެންކަމުން ދުނިޔޭގެ ކޮންމެ ދިމާލަކަށް ދަތުރުކުރަން ޖެހުނު ނަމަވެސް، އޭނާ ދިރިއުޅެމުން ދިޔައީ ޑައުން ސިންޑްރޯމް ހުންނަ ދަރިފުޅު ބަލަހައްޓަން ކޮންމެ ރެޔަކު ދަރިފުޅު ކައިރީގައި ހުރެވޭ ގޮތަށެވެ.

ބެޓީ ފުރަތަމަ އޭވިއޭޝަން ކެރިއަރު ފެށި ދުވަސްވަރު ފަސިންޖަރުން ބޯޓަށް އެރުމުގެ ކުރިން ވެންޑިން މެޝިނަކުން ލައިފް އިންޝުއަރެންސް ގަންނަން ޖެހޭ ކަމަށް ޑީ.ސީ. އޭބީސީ ނިއުސްއަށް 2022 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ބުނެފައެވެ. އަދި ނިއުޔޯކާއި ވޮޝިންޓަންއާ ދެމެދު ފްލައިޓްތަކުގެ އަގަކީ އޭރު 12 ޑޮލަރު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ނޭޝްގެ ކެބިންކުރޫ ހަޔާތުގައި އޭނާ ވަނީ އެކުގައި މަސައްކަތް ކުރި މުވައްޒަފުންނާއި ގާތް ގުޅުމެއް ބާއްވާ އެހެން ފްލައިޓްތަކުގެ އެޓެންޑެންޓުންނާ ވެސް ގުޅުން ބަދަހިކޮށްފައެވެ.