ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ކުޑަކުއްޖެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ނޫހެއް ކަމަށްވާ ވަފާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރި އިސްރާއީލުން ބަޑި ޖަހައި ޝަހީދުކޮށްލާފައިވަނީ އުމުރުން 14 އަހަރުގެ މާޖިދް ޝަހީރް އަރަމީން ނަމަކަށް ކިޔާ ފިރިހެން ކުއްޖެކެވެ.

އެނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝަހީރު ޝަހީދުކޮށްލާފައިވަނީ އިއްޔެގެ ވަގުތެއްގައި ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ހިބްރޮންގެ އިރުއުތުރުގައި އޮންނަ އަވަށެއް ކަމަށްވާ ސައިއާގައެވެ.

ނިރުބަވެރި އިސްރާއީލުން އެކުއްޖާގެ ގަޔަށް ބަޑި ޖެހުމަަށްފަހު، ފަރުވާއަށް ވެސް ވަނީ ހުރަސް އަޅާފައެވެ. އެގޮތުން އެމްބިއުލާންސްއާއި ސިއްހީ ފަރާތްތަކުން އެކުއްޖާއާއި ހަމައަށް ނުދެވޭނެ ގޮތް ހަދައި، ކުއްޖާގެ ގައިން ލޭ ހުސްވަންދެން އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ނިރުބަވެރިން ފަލަސްތީނުގެ ކުޑަކުއްޖެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލާފައިވާއިރު، ރޭގެ ވަގުތެއްގައި ނިރުބަވެރިން ވަނީ ދުނިޔޭގެ ކޯޓުން ހަމަލާތައް ދިނުން ހުއްޓާލުމަށް އަންގާފައިވާ ރަފާހަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީ، އެތަކެއް ބަޔަކު ޝަހީދުކޮށްލާފައެވެ.

އަލިފާން ރޯވާ ޒާތުގެ ތަކެތި ބޭނުން ކޮށްގެން ރަފާހުގެ ބްރިކްސް ކޭމްޕަށް ދިން ހަމަލާގައި މިހާތަނަށް 40 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ވެސް ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ވެއެވެ.