އުފާވެރި ހަޔާތެއް ފަށަން، ލޯބިވާ މީހުންނާއި ކައިވެނިކޮށްގެން އުޅޭ އެންމެން ވެސް ބޭނުންވާނީ އެމީހުންގެ ދިރިއުޅުމަށް ފުރިހަމަކަން ލިބެން ދަރިއެކެވެ. ބައެއް ފަހަރު ބައެއް މީހުންނަށް اللهގެ އިރާދަފުޅާއިއެކީ ދަރިއަކު ލިބިގެންދާއިރު، ދަރިއަކު ހޯދުމަށް އެތަކެއް މަސައްކަތެއްކޮށް، ދަރިއަކު ނުލިބޭ މީހުން ވެސް ދުނިޔޭގައި އެބަ ތިއްބެވެ. މިފަދައިން އެތަކެއް މަސައްކަތެއް ކޮށްގެން ވެސް ދަރިއަކު ލިބިފައިވާއިރު، ޖައްބާރު ޔަހޫދީންގެ އަނިޔާވެރިކަމުގެ ސަބަބުން އެކުދިން މި ދުނިޔެ ދޫކޮށް ވެސް ގޮސްފައިވެއެވެ. މިއީ ވެސް އެފަދަ ގޮތަކަށް ދަރިއަކު ހޯދަން ގިނަ މަސައްކަތެއް ކޮށްފައިވާ މައެއްގެ ދަރިއަކު ޖައްބާރު އިސްރާއީލުން ޝަހީދުކޮށްލި ވާހަކައެވެ.

ގިނަ އަހަރުތަކެއް ވަންދެން ދޭތެރެ ދޭތެރެއިން ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވަނީ އަނިޔާވެރި ހަމަލާތަކަކަށް ބަދަލުވެފައެވެ. މި ހަމަލާތަކުގެ ތެރެއިން ކުޑަކުދިން، އަންހެނުން، އުމުރުން ދުވަސްވީ މީހުން، ހާއްސަ އެހީއަށް ބޭނުންވާ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި އަލަށް ދުނިޔެއަށް އުފަންވީ އެތަކެއް ކުދިން ތަކެއް ވެސް ވަނީ ޝަހީދުކޮށްލާފައެވެ.

ޣައްޒާއަށް ނިރުބަވެރިން ދިން ހަމަލާއެއްގެ މަންޒަރު

ނިރުބަވެރިން މިފަދަ ގޮތަކަށް ހަމަލާތައް ދެމުން އަންނައިރު، މިހާރު ދައްކާލަން ޖެހޭ ވާހަކައަކީ ފަލަސްތީނުގެ އަންހެނެއްގެ ކުޑަ ދަރިފުޅު ޝަހީދުކޮށްލި ވާހަކައެވެ. އެކުއްޖާ އާއި އަންހެން މީހާގެ ވަނަވަރު ނޭނގުނު ނަމަވެސް މީޑިއާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އެކުއްޖާއަކީ އެ އަންހެން މީހާ ދަރިއަކު ބޭނުން ވެގެން އެތަކެއް އަހަރުވަންދެން ކުރި މަސައްކަތުން ލިބުނު ދަރިފުޅުކަމެވެ.

މީޑިއާތަކުގައި ދައުރުވަމުން އަންނަ ފޮޓޯތަކަށް ބަލާއިރު، އެކުއްޖާގެ އުމުރަކީ ގާތްގަނޑަކަށް 8 އަހަރެވެ. ލެއިން ތަތްތެޅިފައި ކުއްޖާ ބިންމަތީގައި އޮންނަ ފޮޓޯތަކެއް ދައުރުވަމުން އަންނައިރު، މިއީ ބަލާލަން ވެސް ހިތަށް ކެތްނުވާ ވަރުގެ ފޮޓޯއެކެވެ.

ނިރުބަވެރިން ޝަހީދުކޮށްލި ކުއްޖާ

ނިރުބަވެރިން ޣައްޒާސިޓީއަށް ދިން މި ހަމަލާގައި ހަމައެކަނި ޝަހީދުވެފައިވަނީ އެކުއްޖާއެއް ނޫނެވެ. ކުއްޖާގެ މަންމަ ވެސް ވަނީ ކުއްޖާއާއި އެކީ ޔަހޫދީން ޝަހީދުކޮށްލާފައެވެ. މި ހާދިސާ އިތުރަށް ހިތާމަވެގެން ދަނީ، ނިރުބަވެރިން އެކުއްޖާގެ މަންމަ ޝަހީދުކޮށްލިއިރު، ކުއްޖާގެ މަންމަގެ ބަނޑުގައި އިތުރު ފުރާނައެއް އޮތުމުންނެވެ.

މިފަދަ އެތައް ހާދިސާތަކެއް ޣައްޒާގައި އެތައް ދުވަހަކު ހިނގަމުންދެއެވެ. ދެރަ ކަމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކަށް އިސްރާއީލުން ނުހުއްޓުވޭ ކަމެވެ.