ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް އަށް ދެމުން އަންނަ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ޤާނޫނާ ހިލާފު ހަމަލާތަކެއް ކަމަށް ނޯވޭގެ ބޮޑު ވަޒީރު، އެސްޕެން ބާތް އެއިޑޭ ބުނެފިއެވެ.

ނިރުބަވެރި އިސްރާއީލުން ރަފާހަށް ހަމަލާދެމުން އަންނާތީ، ދުނިޔޭގެ ކޯޓުން ވަނީ އެސަރަހައްދުގައި ތިބި އާންމުންނަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބޭނެ ފަދަ އޮޕަރޭޝަނެއް ނުހިންގުމަށް އަންގާފައެވެ. އަދި ރަފަހް އަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވަނީ އަމުރު ކޮށްފައެވެ.

ނަމަވެސް ނިރުބަވެރި އިސްރާއީލުން އެކަން ހުއްޓާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ރޭ ނިރުބަވެރިން ވަނީ ރަފަހްގެ ބްރިކްސް ކޭމްޕަށް ވަރުގަދަ މިސައިލް ހަމަލާތަކެއްދީ، ބޮޑު ސަރަހައްދެއްގައި އަލިފާން ރޯކޮށްލައި، ގިނަ ބަޔަކު ޝަހީދު ކޮށްލާފައެވެ.

މިކަމާއި ގުޅިގެން އެސްޕެން ބުނެފައިވަނީ އެގައުމާއި ސްޕެއިން އަދި އަޔަލޭންޑުން އަބަދުވެސް އިސްރާއީލުން ދެމުން އަންނަ ހަމަލާތައް އިންސާނީ ޤާނޫނާ ހިލާފަށް ހިނގާ ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް މިހާރު އެކަން ކަށަވަރުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ދުނިޔޭގެ ކޯޓުން ވަނީ އިސްރާއީލުން ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ސީދާ އަމުރެއް ނެރެފަ. ނަމަވެސް އެކަން ނުހުއްޓޭ" އޭނާ ބުންޏެވެ.

ދުނިޔޭގެ ކޯޓުން ވަކި ގޮތަކަށް ކަމެއް ކުރަން އެންގުމުން އެކަން ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް މިހާރު އިސްރާއީލުން އެކަން ހުއްޓާފައި ނެތުމުން، ރަފާހަށް ދެމުން އަންނަ ހަމަލާތަކަކީ އެންމެ މަތީ ކޯޓުގެ ނިންމުމާއި ހިލާފު ނިންމުމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ނޯވޭއާއި ސްޕެއިން އަދި އަޔަލޭންޑުން އަންގާރަ ދުވަހު ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވެރިން

    ތިހެން ބުނުމަކުން ނުއެއް ނިމޭނެ

  2. Anonymous

    ކަލޭމެން އަނގައިން ތިޔަހެން ކިޔަކިޔާ ތިއްބާ އިޒްރޭލުން ފަލަސްދީން ބިމާ ހަމަކުރަމުން އެދަނީ.

  3. ޒިމާން

    އިޒުރޭލް ބޭނުންވާ ގޮތަށް އެހެން ބަޔަކަށް ކަމެއް ކުރަންވީމާ ބައިނަލް އަޤްވާމީ ޤާނޫނެއް ބޭނުމެއް ނުވޭ. އެކަމަކު އެހެން ބަޔަކު ކިރިޔާވެސް ކަމެއް އިޒުރޭލަށް ކޮށްފިއްޔާ ބައިނަލް އަޤުވާމީ ޤާނޫނުގެ ވާހަކަ އިޒުރޭލުން ދައްކާނެ.
    ދެވަނަ ހިޓްލަރެއް އުފެދިގެން އިންސާނީ ނަސްލެއް ޤަތުލުކޮށް ނައްތާލަމުންދާއިރު އެކަމަށް އަނގައިން ބުނެލާނެ ޢަރައްބަކުވެސް މިދުނިޔޭގައި ނެތް. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.