ނިރުބަވެރި އިސްރާއީލުން ރޭ ރަފާހުގެ ބްރިކްސް ކޭމްޕަށް ދިން ހަމަލާގައި ގިނަ ބަޔަކު ޝަހީދުވެފައިވާއިރު، އެސަރަހައްދުން ހަށިގަނޑާއި ބޯވަކިވެފައިވާ ގިނަ ކުދިންތަކެއް ފެނިފައިވާ ކަމަށް އެމެރިކާ ނޫސްވެރިއަކު ބުނެފިއެވެ.

ނިރުބަވެރިން މި ހަމަލާދީފައިވަނީ ޣައްޒާގެ ދެކުނުން އޮންނަ ރަފާހުގެ ހުޅަނގުގައި ގެދޮރު ގެއްލިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ޓަލް އައްސުލްތާނުގައި ހުންނަ ބްރިކްސް ކޭމްޕަށެވެ. މިހާތަނަށް ބެލި ބެލުމުން މި ހަމަލާގައި ޝަހީދުވި 40 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ މެހްދީ ހަސަން ބުނެފައިވަނީ ބޯވަކިވެފައިވާ ތުއްތު ތުއްތު ކުދިންގެ ހަށިގަނޑުތައް ފެންނަ ވީޑިއޯތަކެއް މިހާރު އާންމުވަމުން އަންނަ ކަމަށެވެ. އެވީޑިއޯއިން ފެނިގެން ދަނީ އަސްލު ކުދިންގެ ބޯވަކިވެފައިވާ މަންޒަރު ކަމަށާއި އެއީ ނިރުބަވެރި އިސްރާއީލުން ހަދާފައިވާ ކުޅޭ ކުޅޭ އެއްޗެހި ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ އިސްރާއީލުން އަޅާލި މިސައިލްތައް އެކުދިން ނިދަން ތިބި ޓެންޓްތަކުގައި ޖެހުމާއެކު މުޅި ސަރަހައްދު ގުގުމާލައިގެން ގޮސް ރޯވެފައިވާ ކަމަށެވެ. އަދި އެފަދަ މަންޒަރެއް ފެނުމަކީ ވެސް ހިތަށް އުނދަގޫވާ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަހަރުމެން މިއީ އެމެރިކާގެ ޓެކްސް ފައިސާ ދައްކާ މީހުން. ޓެކްސް ފައިސާ ދައްކާ މީހުން އެ ފައިސާ ދައްކަމުން ދަނީ މިކަމަށް. ކޮންމެ ރެއަކު ހަބަރު ރަފާހުގެ ކުދިންނަށް ވަމުންދާ ގޮތް ފެނޭ،" އޭނާ ބުންޏެވެ.

އެމެރިކާގައި ޓެކްސް ދައްކާ ވާހަކަ އޭނާ ފާހަގަކޮށްފައިވަނީ އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭތީއެވެ. އެއީ އެމެރިކާއިން އެ ހަތިޔާރު ހަދަން ބޭނުން ކުރާ ފައިސާއަކީ އާންމު ރައްޔިތުން ދައްކާ ޓެކްސް ފައިސާ ކަމަށް ބެލެވޭތީއެވެ.