ޕަޕުއާ ނިއު ގިނީގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަުން ވަޅުލެވުނު މީހުން އަދަދު 2000 އަށް އަރައިފިއެވެ.

ޕަޕުއާ ނިއު ގިނީން ހޯމަ ދުވަހު އދ.އަށް އަންގާފައި ވަނީ ބިންހެލުމެއް އައިސް މައުންޓް މުންގަލޯ ފަރުބަދައިގެ ބައެއް ވެއްޓި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 2،000 އަށް ވުރެ ގިނަ މީހުން ވަޅުލެވިފައިވާ ކަމަށެވެ. އެހެންވެ، އެ ގައުމުން ދަނީ އެހެން ގައުމުތަކުގެ އެހީތެރިކަމަށް އެދެމުންނެވެ.

އެ ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ބިންހެލުމުގެ ސަބަބުން އިމާރާތްތަކާއި ކާބޯތަކެތި ހައްދާ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ގައުމުގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް އެ ގައުމުގެ ޑިޒާސްޓާ އޮފީހުން ވަނީ ބުނެފައެވެ.

އެ ބިންހެލުމުގެ ސަބަބުން ޕޯޖެރާގެ މައި ހައިވޭ މުޅިން ވަނީ ބަންދު ކޮށްފައެވެ. އަދިވެސް ބިންގަނޑު ކަނޑައިގެން ދިޔުމުގެ ބިރު އޮތް ކަމަށާއި އެކަމުގެ ނުރައްކާ ރެސްކިއު ޓީމު ތަކަށާއި ސަލާމަތްވި މީހުންނަށްވެސް އެބަ އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕަޕުއާ ނިއު ގިނީގެ ހާލަތު އަދިވެސް އޮތީ ނުތަވަސް ކޮށެވެ.

ޕަޕުއާ ނިއު ގިނީގެ އުތުރުގެ ފަރުބަދަމަތީ އެންގަރ ސަރަހައްދުގައި ހުކުރު ދުވަހު ބިންހެލުން އައިސްފައިވާއިރު، ގެއްލިފައިވާ މީހުންގެ އަދަދަކީ ކުރިން ލަފާކުރި އަދަދަށް ވުރެ ބޮޑު އަދަދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މީހުން ނިދާފައި ތިއްބައި ފަރުބަދާއިގެ ބައެއް ގެތަކުގެ މައްޗަށް ވެއްޓުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ގެތަކުގެ ދަށުގައި ވަޅުލެވިފައެވެ.

ހަބަރުތައް ބުނާ ގޮތުން އެ ސަރަހައްދުގެ ރައްޔިތުންނާއި ރެސްކިއު ޓީމްތަކުން މަސައްކަތް ކުރަމުން ދަނީ އެމީހުންގެ އަތުގައި ހުރި ސާމާނުތައް ބޭނުންކޮށްގެން ބިންގަނޑު ކޮނެގެން މީހުން ސަލާމަތް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު