ލުބުނާންގެ ދެކުނުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ހިޒްބުﷲ ޖަމާއަތާއި ހަނގުރާމަ ކުރުމަށް ލުބުނާނަށް އެއްގަމު މަގުން އެރުމަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ތަމްރީންތައް ހަދަމުންދާ ކަމަށް އެ ގައުމުން ބުނެފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ ޔަހޫދީންގެ އަސްކަރިއްޔާގެ 146 ވަނަ ޑިވިޜަންގެ ސިފައިން ލުބުނާނުގެ އެތެރޭގައި ހަނގުރާމައެއްގައި އަމަލުކުރާނެ ގޮތްތަކުގެ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި އަސްކަރީ ފަރިތަކުރުންތަކުގައި ޔަހޫދީންގެ ސިފައިން ވަނީ ލުބުނާނަށް އެއްގަމު މަގުން އަރައިގެން ހަނގުރާމަކުރާ އިރު ހިޒްބުﷲ ޖަމާއަތުގެ ފަރާތުން ހަމަލާތައް އަތުވެދާނެ ހުރިހާ ޕޮސިބަލް ހާލަތްތަކެއްގެ ތަމްރީނު ހަދާފައިކަމަށާއި ލުބުނާނުގެ އެތެރޭގައި ސިފައިން ހަރަކާތްތެރިވާން ފަސޭހަ މެނޫވާތައް ވެސް ވަނީ ދަސްކޮށްފައި ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ މިއަދު ދެކުނު ލުބުނާންގައި ހުރި ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. މި ހަމަލާތަކުގައި މިދިޔަ ހޯމަ ދުވަހު އިސްރާއީލްގެ މަލްކިޔާ އަވަށަށް ހަމަލާދިނުމަށް ބޭނުން ކުރި ރޮކެޓް ލޯއްޗަރުތައް މުޅިން ހަލާކުކޮށްލާފައިވާނެ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި މިއަދު ހެދުނު އިސްރާއީލްގެ އަސްކަރީ ޑުރޯންއެއް ދެކުނު ލުބުނާންގައި ހަރަކާތަތެރިވަމުން ދަނިކޮށް ވެއްޓިފައިވާ ކަމަށާއި އެ ޑުރޯން ވެއްޓުނު ސަބަބު ދެނެގަތުމަށް މިހާރު އަސްކަރިއްޔާ އިން އެތެރޭގެ ތަހްޤީޤެއް ފަށާފައިވާ ކަމަށެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ލުބުނާންގެ ދެކުނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ވަނީ ޔަހޫދީ އިސްރާއީލަށް ހަމަލާދޭން ފަށާފައެވެ. އަދި މިހާރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އާއި ހިޒްބުﷲ ޖަމާއަތުން އިސްރާއީލާއި ލުބުނާން ގުޅޭ ސަރަހައްދީ އިން ކައިރީގައި ހަމަލާތައް ބަދަލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރައް ދައުވަތު ދިނުން

    2006 ވައި ހިޒްބުﷲއާއި ކުރި ހަނގުރާމަގެ ހިތި ތަޖުރިބާ އިން އިބްރަތް ނުލިބި އަނެއްކާ އަލިފާނުގެ ތެރެއަށް ވަންނަން މޮޔަބޭ؟މި ފަހަރު ހިޒްބުﷲއިން ކަލޭމެން ޗިސްޗިސް ކުރާނެ

    2
    1