ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މާލީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުތުރު ކޮރެއާއިން މި އަހަރުގެ ޖޫން 4 ވަނަ ދުވަހުގެ ކުރިން ޖައްވަށް ސެޓްލައިޓެއް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ޖަޕާނުން ބުނެފިއެވެ.

އުތުރު ކޮރެއާ އިން ވަނީ އެ ގައުމާއި ދެކޮޅަށް އަޅާފައިވާ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކު ވެސް މި ދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ޖާސޫސް ކުރާ ސެޓްލައިޓެއް ޖައްވަށް ކާމިޔާބުކަމާއި އެކީ ފޮނުވާލާފައި ކަމަށް ޖަޕާނުން ވަނީ ބުނެފައެވެ.

ޖަޕާނުގެ ސަރުކާރުން ބުނެފައިވަނީ ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަށް ޓަކައި އު ގައުމުގެ ޖާސޫސީ އިދާރާތަކުން އުތުރު ކޮރެއާގެ ހަރަކާތްތައް ވަރަށް ކައިރިން ބަލައި ދިރާސާ ކުރަމުންދާ ކަމަށެވެ.

ޖަޕާނުގެ ކޯސްޓް ގާޑުން މައުލޫމާތުދޭ ގޮތުގައި އުތުރު ކޮރެއާ އިން މިހާރު ވަނީ ސެޓްލައިޓް ލޯންޗުކުރާއިރު ކަނޑަށް ވެއްޓޭނެ ޖައްވީ ކުނިބުނި ވެއްޓޭނެ ސަރަހައްދުތައް ކަނޑައަޅާފައި ކަމަށާއި އެ ސަރަހައްދުތައް މިހާރު ޖަޕާނުގެ ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

ދެކުނު ކޮރެއާ އާއި ޖަޕާނުގެ އިތުރުން އެމެރިކާ ސަރުކާރުގެ އޮފިޝަލުން ވަނީ އުތުރު ކޮރެއާ އިން ސެޓްލައިޓް ޖައްވަށް ފޮނުވާލާނެ ކަން ރަސްމީ ކޮށް އެންގުމުން ފޯނުން ގުޅައި މަޝްވަރާތައް ކޮށްފައެވެ. މި މަޝްވަރާތަކަށް ފަހު މި ތިން ގައުމުން ބުނެފައިވަނީ ސަރަހައްދީ ސުލްހަމަސްލަހަތު ދެމެހެއްޓުމަށް އުތުރު ކޮރެއާ އިން މި ސެޓްލައިޓް ލޯންޗުކުރުމުގެ ކަންކަން ހުއްޓާލަށް ޖެހޭ ކަމަށެވެ.

އުތުރު ކޮރެއާ އިން ޖާސޫސީ ސެޓްލައިޓެއް ޖައްވަށް ފޮނުވުމަށް ދެ ފަހަރެއްގެ މަތިން ވަނީ މަސައްކަތްކޮށް ނާކާމިޔާބު ވެފައެވެ. ނަމަވެސް އުތުރު ކޮރެއާގެ ވެރިޔާ ކިމް ޖޮންގް އުން އާއި ރަޝިއާގެ ރައީސް ވިލެޑްމިއަރ ޕޫޓިން މިދިޔަ އަހަރުގެ އޮގަސްޓަ މަހު ބައްދަލުކޮށް ރަޝިއާ އިން އުތުރު ކޮރެއާގެ ޖައްވީ ޕުރޮގްރާމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދޭނެ ކަން ވަނީ އިއުލާން ކޮށްފައެވެ. އޭގެ ދެމަސް ފަހުން އުތުރު ކޮރެއާ އިން ވަނީ ކާމިޔާބު ކަމާއި އެކީ އެ ގައުމުގެ ފުރަތަމަ ސެޓްލަައިޓް ޖައްވަށް ފޮނުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަންމަލާބޭ

    ދުނިޔޭގެ ގިނަ ގައުމުތަކުން އުތުރުކޮރެއާ އާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އުތުރުކޮރެއާ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ލިބުނު ނަސީބަކަށްވެފައި މިއޮތީ. އެކަމުގެ ސަބަބުން މިހާރު ދުނިޔޭގެ އެންމެ އަސްކަރީބާރު ގަދަ ގައުމަކަށްވެސް އެގައުމުވެއްޖެ. އެގައުމުން އެއްޗެއް ޓެސްޓްކުރާކަމަށް ބުނާއިރަށް އެންމެބާރުގަދަކަމަށް ކިޔާ އެމެރިކާވެސް ބިރުން އަންގަނީ އެކަންތައްތައް ހުއްޓާލުމަށް.