އިރާނުން އެގައުމުން ޔުރޭނިއަމް ފައްކާ ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްފި ކަމަށާއި ނިއުކުލެއަރ ބޮމެއް ތައްޔާރުކުރެވޭ ވަރަށް އެ ގައުމުގައި ޔުރޭނިއަމް ހުރުން އެކަށީގެންވާ ކަމަށް އދ ގެ ނިއުކުލެއަރ ކަންކަން ބަލަހައްޓާ އިދާރާއިން ބުނެފިއެވެ.

އިރާނުން އެ ގައުމުގެ ނިއުކުލެއަރ ޤާބިލްކަން ވަރަށް ބޮޑަށް އިތުރުކޮށް ޔުރޭނިއަމް ފައްކާ ކުރުމުގެ މަރުހަލާގެ ސުޕީޑް މި ވަރަށް ހަލުވިކުރުމުގެ ފަހަތުގައި އިރާނުގެ އެހެން ޑިމާންޑްތަކެއް ވެސް ވާކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އިރާނުން ބޭނުން ވަނީ އެގައުމާއި ދެކޮޅަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ މާލީ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިރާނުން އިސްރާއީލަށް ހަމަލާދިނުމުން އެ ގައުމުގެ އަސްކަރިއްޔާގެ ޤާބިލްކަމާއި އިސްރާއީލަށް މުސްތަޤްބަލުގައި ވެސް ހަމަލާދޭން ފަސްނުޖެހޭނެ ކަން އިރާނުން ސާބިތުކޮށްދީފި ކަމަށާއި އެހެންވުމުން އިސްރާއީލަށް ހަމަލާދޭން ކެރޭ ގައުމެއްގެ އަތުގައި ނިއުކުލެއަރ ހަތިޔާރު ހުރުންވާނީ އެމެރިކާ އަށް ވަރަށް ބޮޑު ކަންބޮޑުވުމަކަށް ކަމަށް މެދުއިރުމަތީގެ ސިޔާސީ ކަންކަން ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އާއި ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ގެނެސްދިން ރިޕޯޓެއްގައި ބުނެފައި ވަނީ މެއި މަހުގެ 11 ވަނަ ދުވަހާ ހަމައަށް އީރާނުގައި 313.2 ޕައުންޑުގެ ޔުރޭނިއަމް 60 އިންސައްތައާ ހަމައަށް މުއްސަނދިކޮށްފައިވާ ކަމަށާއި މިއީ އެންމެ ފަހުން އދ އިން މިދިޔަ ފެބްރުއަރީ މަހު ނެރުނު ރިޕޯޓަށް ވުރެ 45.4 ޕައުންޑް އިތުރު އަދަދެއް ކަމަށެވެ.

އައިއޭއީއޭ އިން ބުނި ގޮތުގައި ގާތްގަނޑަކަށް 92.5 ޕައުންޑުގެ ޔޫރޭނިއަމް 60 ޕަސެންޓަށް މުއްސަނދިވެފައި ހުރުމަކީ ތިއޮރިޓިކަލް ގޮތުން އެއް އެޓޮމިކް ހަތިޔާރު އުފައްދަން ބޭނުންވާ އަދަދެވެ. އައިއޭއީއޭގެ ވެރިޔާ ރަފައެލް ގްރޮސީ މީގެ ކުރިން ވިދާޅުވެފައި ވަނީ އީރާނުގައި "ގިނަ" ނިއުކްލިއާ ހަތިޔާރަށް ބޭނުންވާ ވަރަށް ޔޫރޭނިއަމް މުއްސަނދިކޮށްފައިވާ ކަމަށެވެ.