އިރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާއި ގުޅިގެން އައު ރައީސަކު އައްޔަން ކުރުމަށްޓަކައި ބާއްވާ ރިޔާސީ އިންތިހާބު އަންނަ މަހުގެ 28 ގައި ބާއްވަން އެގައުމުން ނިންމައިފިއެވެ.

އިރާނުގެ ގާޑިއަން ކައުންސިލުން ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިމަހުގެ 30 އިން ޖޫން 3 އަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ޖޫން 12 އިން ޖޫން 27 އަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އިރާންގެ ޤާނޫނު ބުނާ ގޮތުން ރައީސަށް ވެރިކަމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ ނުވަތަ ދައުރު ހަމަނުވަނީސް އަވަހާރަވެއްޖެނަމަ، ނައިބް ރައީސް ވަގުތީ ގޮތުން ވެރިކަމާއި ހަވާލުވާންޖެހެއެވެ. އަދި ވެރިކަމާއި ހަވާލުވުމަށްފަހު 50 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހެއެވެ.

އަޒަރުބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލުމަށްފަހު އެނބުރި އިރާނަށް ވަޑައިގަންނަވަން ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރ ވެއްޓި ރައީސީ އަވަހާރަވުމުން އެގައުމުގެ ވަގުތީ ރައީސަކަށް ހުންނެވީ ނައިބު ރައީސަކަށް ހުންނެވި މުހައްމަދު މޮޚްބެރުއެވެ.

ރައީސީ އަރިހުގައި އިރާންގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުﷲ ހިއާން ވެސް ދަތުރު ކުރެއްވިއެވެ.

މި ހާދިސާގައި އިރާންގެ ރައީސް އިބްރާހިމް ރައީސީގެ އިތުރުން އިރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން، އަޒަރްބައިޖާންގެ އިރުމަތީ ސަރަހައްދުގެ ގަވަރުނަރު މާލިކް ރަހްމަތީ، ތަބްރީޒުގެ އިމާމު މުހައްމަދު އަލީ އަލްހާޝިމް، ހެޑް އޮފް ޕްރެޒިޑެންޝިއަލް ގާޑް މަހްދީ މޫސާވީ ވަނީ އަވަހާރަވެފައެވެ.

އިރާންގެ އިސްނާ ނިއުސް އެޖެންސީން އީރާނުގެ އަސްކަރީ ޗީފް އޮފް ސްޓާފް މުހައްމަދު ބަގޭރީ އާ ހަވާލާދީ ބުނީ ހެލިކޮޕްޓަރު ވެއްޓުނު ސަބަބު ތަހުގީގު ކުރަން އަންގަވާފައި ކަމަށެެވެ.