އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެއްޖެއެވެ.

އުމުރުން 77 އަހަރުގެ ޓްރަމްޕާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ސާބިތުވެފައިވަނީ ވިޔަފާރީގެ ލިޔެކިޔުންތައް އޮޅުވާލައިގެން ހުށަހެޅުމާއި ގުޅިގެން އުފުލާފައިވާ 34 ދައުވާއެވެ. މި ދައުވާތަކުގެ ތެރޭގައި ބަރަހަނާ ފިލްމު ކުޅެމުން އަންނަ ސްޓޯމީ ޑެނިއެލްސްއާއި އޭނާއާއި އޮތް ގުޅުން ސިއްރު ކުރަން ސްޓޯމީއަށް ފައިސާ ދިން ކަމުގެ މައްސަލައެއް ވެސް ހިމެނެއެވެ.

މިމައްސަލައިގައި މީގެ ކުރިން ޓްރަމްޕް ބުނެފައިވަނީ ސްޓޯމީއަކީ ދަންނަ މީހެއް ނޫން ކަމަށާއި އޭނާއަށް ފައިސާ ވެސް ދީފައި ނުވާނެ ކަމަށެވެ.

ޓްރަމްޕުގެ މައްޗަށް އުފުލި ދައުވާތަކެއް ސާބިތުވެފައިވާއިރު، ދައުލަތުން ވަނީ އޭނާއާއި ދެކޮޅަށް 20އަށްވުރެ ގިނަ ހެކިވެރިންގެ ހެކިބަސް ހުށަހަޅާފައެވެ.

7 ހަފްތާއަށް ދިގު ދެމިގެން ދިޔަ ޝަރީއަތް އިއްޔެ ފަނޑިޔާރުން ނިންމާފައިވަނީ އޭނާއާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން 34 ދައުވާއެއް ސާބިތުވާ ކަމަށެވެ. އެހެން ކަމުން ޖުލައި މަހު މި މައްސަލައިގައި ހުކުމް ކުރުން އޮންނާނެ ކަމަށް ފަނޑިޔާރުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހުކުމް ކުރުން ޖުލައި މަހު އޮންނައިރު، ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި މި ކުށް ސާބިތުވުމުން އޭނާގެ މައްޗަށް އަންނަނީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް މިހާރު އެ އަދަބު އޭނާގެ މައްޗަށް ނާންނާނެ ކަމަށާއި ބޮޑަށް ބެލެވެނީ އޭނާގެ މައްޗަށް އަންނާނީ ޖޫރިމަނާއެއް ކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކޯޓު ބޭރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައިވަނީ މިއީ އޮޅުވާލުމެއް ކަމަށާއި އޭނާއަކީ ކުށެއް ނެތް މައުސޫމު މީހެއް ކަމަށެވެ. ޖުލައި މަހު ހުކުމް ކުރި ނަމަވެސް އަސްލު ހުކުމް އޮންނާނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ކަމަށާއި އެދުވަހު ކަންވީ ގޮތް ސާފުކޮށް އެނގޭނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

ޓްރަމްޕަކީ ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވި އެމެރިކާގެ ފުރަތަމަ ކުރީގެ ރައީސްކަން ފާހަގަކޮށްލެވެއެވެ.